ޑރ. މުހައްމަދު މުއިއްޒު

އަޅުގަނޑުގެ ވެރިކަމުގައި މީޑިއާގެ މިނިވަންކަން އޮންނާނެ: މުއިއްޒު

ޕީޕީއެމް ޕީއެންސީގެ ކުރިއަށް އޮތް ވެރިކަމުގެ ތެރޭގައި މީޑިއާގެ މިނިވަންކަމަށް ހުރަހެއް ނޯންނާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު ސަންގު ޓީވީގެ މުވައްޒަފުންނާ އެކު ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

މިބައްދަލުވުމުގައި އިންތިހާބީ ރައީސް ވިދާޅުވީ މީޑިއާތައް ކުރިއަރުވާ ތަރައްގީކުރުމަށް ސަރުކާރުގެ ތެރެއިން ގިނަ ކަންތައްތަކެއް ކޮށްދިނުމާ އެކު މީޑިއާތަކުން ބޭނުންވާ ގޮތަކަށް މަސައްކަތް ކުރުމުގައިވެސް ހުރަހެއް ކުރިމަތި ނުކުރައްވާނެ ކަމަށެވެ.

މުއިއްޒު ވަނީ ނޫސްވެރިކަމުގެ ދާއިރާ އިން ކުރިއަށް ދިއުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ބޭނުންވާ ތައުލީމާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުމުގައި ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގައިވެސް ވިދާޅުވެފަ އެވެ.

ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން ވަގުތު ލިބިވަޑައިގެންނެވި ވަރަކުން ނޫސް އިދާރާތަކަށް ޒިޔާރަތްކުރައްވާނެ ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މުއިއްޒު ވަނީ ދައުލަތުގެ ބަޖެޓުން ވަކި އަދަދެއް ނޫސްތަކަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެ އެކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ރައީސް އަބްދުﷲ ޔާމީންގެ ދުވަސްވަރު ނޫސްތަކާއި ނޫސްވެރިންނަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކޮށް، އަބުރުގެ ގާނޫނެއް ފާސްކޮށް ބައެއް ޓީވީތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް އަދި ބައެއް ނޫސްވެރިން ޖަލަށްވެސް ލިއެވެ.