ޑރ. މުހައްމަދު މުއިއްޒު

ފަލަސްތީނުގެ ބިންތަކުން އިޒުރޭލުން ފޭބުމަށް މުއިއްޒު ގޮވާލައްވައިފި

އިޒުރޭލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބާ އެ ބިންތައް ފަލަސްތީނާ ހަވާލުކުރުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ޑރ. މުއިއްޒު މިކަމަށް އެދިފައި މިވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން މިއަދު ކުއްލި ގޮތަކަށް އިޒްރޭލަށް ދިން ހަމަލާތަކުގައި އެ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިޒުރޭލުން ފަލަސްތީނަށް ވެރިވެގަނެ ހިފައިގެން އުޅޭ ފަލަސްތީނުގެ ބިންތަކުން ފައިބާ އެ ބިންތައް އަނބުރާ ފަލަސްތީނާ ހަވާލުކުރަންޖެހޭ ކަމަށެވެ.

މުއިއްޒުގެ ޓްވީޓުގައި ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލަައިގަތުމަށްވެސް ގޮވާލެއްވި އެެވެ. މީގެއިތުރުން 1967 ވަނަ އަހަރު ބައިނަލްއަގްވާމީ މުޖުތަމައުން ކަނޑައަޅާފައިވާ ގޮތަށް ބޯޑަރު ބަލައިގަނެ އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި ބަލައިގަތުޖމަށް ގުދުސްއިން ބޭރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ވަޒަނަށް އަނބުރާ ދެވޭނެ ގޮތް ހެދުމަށްވެސް މުއިއްޒު ގޮވާލެއްވި އެވެ.

ރޮއިޓާސް ބުނާ ގޮތުން ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުގެ 100 އެއްހާ މީހުން ވަނީ މަރުވެފަ އެވެ. އަދި 740 އަށް ވުރެ ގިނަ މީހުން ބޮޑެތި ޒަހަމްތަކާ އެކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ބަދަލުހިފުމުގެ ގޮތުން އިޒްރޭލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި، ފަލަސްތީންގެ 198 މީހުން ވަނީ މަރާލާފަ އެވެ. އަދި 1،600 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.