ޑރ. މުހައްމަދު މުއިއްޒު

އިޒުރޭލުން ހިފާފައިވާ ބިންތަކުން ފޭބުމަށް ގޮވާލުމުން މަރުހަބާ ވިދާޅުވެއްޖެ

ފަލަސްތީނުގެ ބިންތަކުން އިޒުރޭލުން ފައިބާން ޖެހޭނެކަމަށް އިންޓަ ނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އަމުރަށް ރައީސް ޑރ މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑީއާގައި ކުރެެއްވި ޕޯސްޓެއްގައި ރައީސް ވަނީ ފަލަސްތީނުގެ ދިފާއުގައި އައިސީޖޭއިން ދީފައިވާ ލަފަޔަށް މަރުހަބާ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ އިރުމަތީގުދުސް ހިމެނޭހެން އިޒުރޭލުން ހިފާފައިވާ ބިންތަކުން ވަގުތުން ވަގުތައް އެމީހުން ފައިބަންޖެހޭނެ ކަމަށެވެ. އަދި އެ ބިމަށް ދީފައިވަ ގެއްލުމުގެ ބަދަލު ފަލަސްތީނަށް ދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސްގެ ޕޯސްޓްގައި ވަނީ އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ހަމަޖެއްސުމަށާއި ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމު ކުރުން އަވަސްކުރުމަށްވެސް ގޮވާލައްވާފަ އެވެ. އަދި ފަލަސްތީނުގެ ހައްގުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ވަނީ ދެއްވާފަ އެވެ.

ފަލަސްތީންގެ މިނިވަން ދައުލަތެއް އޮންނަން ވާނީ 1967 ވަނަ އަހަރު ކަނޑައަޅާފައިވާ ބޯޑަރުގެ މައްޗަށް ކަމަށް މީގެކުރިންވެސް ރައީސް ޑރ މުއިއްޒު ވިދާޅުވެފައިވެ އެވެ.

އައިސީޖޭއިން ނެރުނު އަމުރުގައި ގޮވާލަނީ އިޒުރޭލުން އިސްތިއުމާރުކޮށްފައި ހުރި ފަލަސްތީންގެ ބިންތައް ދޫކޮށްލައި ޒަޔަނިސްޓުން އެ ބިންތަކުން ފައިބައިގެން ދިއުމަށެވެ.

ފަލަސްތީންގެ ބިންތަކުގައި ޒަޔަނިސްޓުންނަށް އިތުރު އާބާދީތައް ހަދައިދިނުމަށް އިޒުރޭލުގެ ސަރުކާރުތަކުން ކުރަނީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަދި އިޒުރޭލުގެ ވެރިންނަށް އަދަބެއް ކަނޑައެޅިދާނެ ހަރަކާތެއް ކަމަށްވެސް އަމުރުގައިވެ އެވެ.