ސަރުކާރުގެ މަސައްކަތްތައް ކޮށްފައިވާ ކުންފުނިތަކަށް ފައިސާ ނުދޭތީ ކޮންޓްރެކްޓަރުން ގޮތް ހުސްވެފައިވާ ކަމަށް އިމާރާތް ކުރުމުގެ ދާއިރާގެ ކުންފުނިތައް ތަމްސީލް ކުރާ ޖަމިއްޔާ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފި އެވެ.
މަސީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަމިއްލަ ކުންފުނީގެ އަމިއްލަ ތަކެތީގެ ކުރުމަށްފަހު ފައިސާ ހޯދުމަށް އިންވޮއިސް ފޮނުވުމުން ސަރުކާރުން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ދިނުން ލަސްކުރަމުންދާ ކަމަށެވެ.
ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ނުދެވޭ ކަމަށާއި އެކަމާ ގުޅިގެން މުވައްޒަފުން މަސައްކަތް ހުއްޓާލައި ހިސާބަށް ގޮސްފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބި ލަސްވަމުންދާތީ މުވައްޒަފުންގެ ޒަރޫރީ ކަންކަންވެސް ހަމަޖައްސައި ނުދެވޭ ކަމަށާއި އަދި ކުންފުނިތަކުގެ މަސައްކަތްތަކަށް ތަކެތި ސަޕްލައިކޮށްދޭ ފަރާތްތަކަށް ފައިސާ ނުދެވި ތާށިވަމުންދާ ކަމަށްވެސް ބުނެ އެވެ.
މައްސަލަ އަށް ހައްލު ހޯދުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބުވެފައި ނެތް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ސަރުކާރުގެ މަޝްރޫއުތަކުގައި ވަކި ވަގުތަކަށް ކުރަންޖެހޭ ކަމެއް އެ ވަގުތަށް ނިންމާ ނުލެވިއްޖެނަމަ ޖޫރިމަނާކުރާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ފައިސާ ދޭން ޖެހޭ މުއްދަތުގައި ފައިސާ ނުދެވޭނަމަ ކުންފުނިތަކަށް ޖޫރިމަނާއާ އެކު ފައިސާ ދިނުމަށްވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ.
ސަރުކާރުގެ މަޝްރޫއުތަކުގައި މަސައްކަތް ކުރާ ކުންފުނިތަކަށް ފައިސާ ދިނުން ލަސްވާ މައްސަލަ އަކީ އަބަދުވެސް ކުންފުނިތަކުގެ ޝަކުވާ އޮންނަ މައްސަލަ އެކެވެ. ސަރުކާރުން ކުންފުނިތަކަށް ދޭންޖެހިފައިވާ ފައިސާ އަދަދު ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.