ޓޫރިޒަމް

މީހުން ދިރިއުޅޭ ރަށްތަކުގައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓް ހެދޭގޮތަށް ގަވައިދު އެކުލަވާލައިފި

މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓު ތަރައްގީކުރެވޭ ގޮތަށް ގަވައިދެއް އެކުލަވާލާ އާންމުކޮށްފި އެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން "އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް ތަރައްގީކޮށް ހިންގުމާ ބެހޭ ގަވައިދު"ގެ ނަމުގައި އެކުލަވާލާފައިވާ ގަވައިދު ގެޒެޓްކޮށްފައިވަނީ އިއްޔެގެ ވަގުތެއް ގައެވެ.

އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ހިންގުމަށް ލައިސަންސް ދެވޭ އެންމެ ދިގު މުއްދަތަކީ 20 އަހަރެވެ. ލައިސަންސް ދޫކުރާއިރު އެތަނުގައި ކަންތައްތަކެއް އިސްލާހުކުރަން ހުރިނަމަ އެކަމެއް އިސްލާހުކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ގަވައިދުގައި ޖާގަ ދީފައިވެ އެވެ.

ގަވައިދުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް، ހޮޓަލެއް އަދި ފަތުރުވެރިންނަށް ހިދުމަތް ދިނުނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރެވިދާނެ އެވެ.

ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް ހަދާ ރެސްޓޯރަންޓާއި ޑައިވް ސެންޓަރުތައް ހިންގަންވާނީ ފަތުރުވެރިން ފަދައިން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ކަމަށް ގަވާއިދުގައިވެ އެވެ.

ގަވައިދުގެ ހަވަނަ މާއްދާގައިވާ ގޮތުން އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބިން ކަނޑައަޅާނީ ޓޫރިޒަމް މިނިސްޓްރީން އެކަމަށް އެދި ހުށަހެޅުމުން ރައީސުލްޖުމްހޫރިއްޔާ އެވެ.

މީހުން ދިރިއުޅޭ ރަށްތަކުގެ އިތުރުން ފަޅު ރަށްރަށާއި އަދި ފަޅުތައް ހިއްކައިގެން ވެސް އިންޓަރގްރޭޓަޑް ޓޫރިސްޓް ރިސޯޓު ހިންގުމަށް މިގަވައިދުގައި ފުރުސަތު ދީފައިވެ އެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށެއްގައިނަމަ އިންޓަގްރޭޓަޑް ރިސޯޓު ތަރައްގީ ކުރެވޭނީ އެ ރަށެއްގެ އަތިރިމަތިން ކަނޑައަޅާ ބިމެއް ގައެވެ. ހިއްކާ ބިންތަކާއި ފަޅު ރަށްތަކުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޯޓު ތަރައްގީކުރަން ހުއްދަދެވެނީ އެ ސަރަހެއްދެއްގެ 50 އިންސައްތަ ބިމުގައެވެ. އަދި މިފަދަ ތަންތަނުގައި ވަކިވަކި ހޮޓާތައް ތަރައްގީކުރެވެނީ އެ ސަރަހައްދެއްގެ 85 އިންސައްތަ ބިމުގަ އެވެ.

ރިސޯޓެއްގެ ގޮތުގައި ހަދާފައިވާ ތަންތަން އިންޓަގްރޭޓެޑް ރިސޯޓަކަށް ބަދަލުކުރަން ބޭނުންވާނަމަ ގަވައިދުގައި އެ ފުރުސަތުވެސް ދީފައިވެ އެވެ. އެގޮތުން މިފަދަ ތަންތަނުން އެއް މިލިއަން ޑޮލަރު ނުވަތަ 154 މިލިއަން ރުފިޔާ ދެއްކުމުން އެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށް ގަވައިދުގައިވެ އެވެ. އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކުގައި ޔޮޓް މެރީނާ ހަދަންވެސް މިގަވައިދުގައި ފުރުސަތުދެ އެވެ.