ރައްޔިތުންގެ މަޖިލިސް

ނަޝާތުއާ ގުޅޭ ޝަކުވާއެއް އޮތްނަމަ ހުށަހެޅުމަށް ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) މެމްބަރު ކަމަށް އއ. ފެރިދޫ، ހާލި، އަލީ ނަޝާތު އައްޔަން ކުރުމާ މެދު އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.

ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ މެންދުރުފަހު 2:00ގެ ނިޔަލަށެވެ.

ޝަކުވާ ހުށަހަޅަންޖެހެނީ ޝަކުވާ ހުށަަހަޅާ ފަރާތުގެ ނަމާއި ދާއިމީ އެޑްރެހާއި ފޯނު ނަމްބަރު އެނގޭ އީމެއިލް އަކުންނެވެ.

ނަޝާތު އަކީ މީގެކުރިންވެސް އިލެކްޝަންސް ކޮމިޝަންގައި މެންބަރުކަން ކުރެއްވި ބޭފުޅެކެވެ.

ނަޝާތުގެ ދައުރު ހަމަވީ ރިޔާސީ އިންތިހާބަށް 47 ދުވަހަށް ވެފައިވަނިކޮށް މިދިޔަ ޖުލައި 25 ވަނަ ދުވަހު އެވެ.

އީސީގެ މެންބަރު ކަމަށް ނަޝާތު އެންމެ ފުރަތަމަ އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިިކަމުގައި ޖުލައި 25، 2018 ގައެވެ.

އީސީގެ މެމްބަރުކަމަށް އަލުން ނަޝާތު އައްޔަނުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް މިދިޔަ މޭ މަހުގެ 29 ވަނަ ދުވަހު އޭނާގެ ނަން ފޮނުއްވާފަ އެވެ.

ނަޝާތުގެ ދައުރު ހަމަވުމުގެ ކުރިން މިދިޔަ މޭ މަހު ރައީސް އޮފީހުން ވަނީ އޭނާގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފަ އެވެ. މި މަގާމަށް ހަތް ބޭފުޅުން ކުރިމަތިލެއްވި އެވެ.

ނަޝާތުގެ ދައުރު ހަމަވުމާއެކު އީސީގައި ތިބެންޖެހޭ ފަސް މެންބަރުންގެ ތެރެއިން މިވަގުތު ތިބީ ހަތަރު މެންބަރުންނެވެ.