ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

ސޮވެރިން ފަންޑަށް 724 މިލިއަން ރުފިޔާ ޖަމާކޮށްފި

ދިވެހި ސަރުކާރުން ނަގާ ލޯނުތަކަށް ފައިސާ ދެއްކުމަށްޓަކައި ފައިސާ ރައްކާ ކުރުމަށް އުފައްދާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު [އެސްޑީއެފް] އަށް މިއަހަރުގެ މިހާތަނަށް 724.8 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެސްޑީއެފަށް ޖަމާކުރި އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު 15.8 ޕަސަންޓް އިތުރުވެފަ އެވެ.

އެސްޑީއެފަށް މިދިޔަ އަހަރުގެ މި މުއްދަތުގައި ޖަމާކޮށްފައިވަނީ 625.6 މިލިއަން ރުފިޔާ އެވެ.

ފަންޑަށް މިއަހަރު 871.4 މިލިއަން ރުފިޔާ ޖަމާކުރެވޭނެ ކަމަށް ދައުލަތުގެ ބަޖެޓުގައި ވަނީ އަންދާޒާކޮށްފަ އެވެ.

އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

ސޮވްރިން ފަންޑަށް ފައިސާ ޖަމާ ކުރަނީ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.

ދައުލަތުގެ މާލިއްޔަތު ގާނޫނަށް މިއަހަރު ގެނައި އިސްލާހާއެކު އެސްޑީއެފަށް ފައިސާ ޖަމާކުރުމާއި އެ ފަންޑުން ހަރަދުކުރާނެ ގޮތް ރައީސުލްޖުމްހޫރިއްޔާ ނިންމަވާނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިންނެވެ. އަދި އެ ފަންޑު ބަލަހައްޓާނީ ފިނޭންސް މިނިސްޓްރީންނެވެ.

އޭގެ ކުރިން އެސްޑީއެފް ބަލަހައްޓަމުން ގެންދިޔައީ މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.