ފިނޭންސް މިނިސްޓްރީ

ބަޖެޓަށްވުރެ އިތުރަށް ކަރަންޓް ސަބްސިޑީއަށް 925 މިލިއަން ރުފިޔާ ހޭދަވާނެ

ކަރަންޓު ސަބްސިޑީއަށް މިއަހަރު ކުރާ ހަރަދު ބަޖެޓް ކުރި އަދަދަށްވުރެ 925.2 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި "ފިސްކަލް ހިރާސްތަކުގެ ބަޔާން 2023" ގައިވާ ގޮތުން ކަރަންޓު ސަބްސިޑީއަށް މިއަހަރުގެ ތެރޭގައި ކުރާ ހަރަދު 1.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެ އެވެ.

ކަރަންޓު ސަބްސިޑީއަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 593.9 މިލިއަން ރުފިޔާ އެވެ.

ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި އަހަރުގެ މިހާތަނަށް ކަރަންޓު ސަބްސިޑީއަށް 423 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

ބަޖެޓު ކުރި އަދަދަށްވުރެ ބޮޑު އަދަދެއް މިއަހަރު ކަރަންޓު ސަބްސިޑީއަށް ހޭދަވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު މިދިޔަ އަހަރު ކަރަންޓު ސަބްސިޑީއަށް ބަޖެޓުކުރީ 539.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަހަރު ނިމުނުއިރު ކަރަންޓް ސަބްސިޑީގެ ގޮތުގައި 855.9 މިލިއަން ރުފިޔާ ވަނީ ހިނގާފަ އެވެ.

ސަބްސިޑީއަށް ހިނގާ ހަރަދު ބޮޑުވެފައިވާއިރު ސަބްސިޑީ ލިބުން އެންމެ ހައްގުވާ މީހުން ދެނެގަތުމަށް ބޭނުންވާ ނިޒާމުތަކާއި މިފަދަ ނިޒާމެއް ތަންފީޒުކުރުމުގައި ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް އެ ކަންކަން ހައްލުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.