ފިނޭންސް މިނިސްޓްރީ

މައުލޫމާތު ފުރިހަމަކޮށް ސަޕްލިމެންޓްރީ ބަޖެޓު އަލުން ފޮނުވައިފި

ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުމުގެ ކުރިން ފޮނުވަން އެންގި ލިޔުންތައް ފުރިހަމަކުރުމަށްފަހު ފިނޭންސް މިނިސްޓްރީން މިއަހަރަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު އަލުން މަޖިލީހަށް ފޮނުވައިފި އެވެ.

މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމުގެ ކުރިން ފޮނުވަންޖެހޭ ކަމާ ގުޅޭ ލިޔުންތަކެއް މަދުވާތީ އެ ލިޔުންތައް ފޮނުވުމަށް މަޖިލީހުގެ އިދާރާއިން ވަނީ ފިނޭންސް މިނިސްޓްރީއަށް އަންގާފަ އެވެ.

އެގޮތުން ލިޔުންތަކެއް މަދުވާތީ އެ ލިޔުންތައް ފޮނުވަން މިމަހުގެ 24 ވަނަ ދުވަހު އެދުމުން ސަރުކާރުން ފޮނުވި ލިޔުންތަކުގައި އަދިވެސް ބައެއް ލިޔުން މަދުކަމަށް މަޖިލީހުގެ އިދާރާއިން އިއްޔެ ބުނެފައިވެ އެވެ.

މިއަހަރުގެ ބާކީ މިއޮތް ދެ މަހުގެ ހަރަދުތައް ހަމަޖެއްސުމަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ފޮނުވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

އޭގެފަހުން މަޖިލީހުގެ ޖަލްސާއެއް ހޯމަ ދުވަހު ބޭއްވި ނަމަވެސް އެ ޖަލްސާއަށް ބަޖެޓް ހުށަހެޅުން އެޖެންޑާއެއް ނުކުރެ އެވެ. އެކަމަކު މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަމެއްގެ ގޮތުގައި އަންގާރަ ދުވަހުގެ ޖަލްސާއަށް ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން އެޖެންޑާ ކުރި އެވެ. ނަމަވެސް ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ވަނީ އަންގާރަ ދުވަހުގެ ޖަލްސާ ނިންމަވާލެއްވި ކަމަށް އިއުލާން ކުރައްވާފަ އެވެ.

ސަޕްލިމެންޓްރީ ބަޖެޓުގައި ސަބްސިޑީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ފައިސާ ވަނީ ހިމަނާފަ އެވެ.

މީގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް -- ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އާއި އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ހަރަދުތަކަށް ބޭނުންވާ ފައިސާ ހިމަނާފައިވެ އެވެ.