އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކަށް ބޭނުންވާ 200 މިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓުގައި ހިމަނައިފި އެވެ.
މިއަހަރުގެ ބާކީ މިއޮތް ދެ މަހުގެ ހަރަދުތައް ހަމަޖެއްސުމަށް ޖުމްލަ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަސް ހުށަހެޅީ އިއްޔެ އެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅީ އިންތިގާލީ ކޮމިޓީން އެދިފައިވާ ގޮތަށް 200 މިލިއަން ރުފިޔާ އިތުރުކުރުމަށްފަހު އެވެ.
ނަމަވެސް އެ ހަރަދުތަކުގެ ތަފުސީލެއް އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހުނީ ކުރިން ލަފާކުރި އަދަދަށް ވުރެ މާބޮޑު އަދަދެއް ތެލަށް ހަރަދުކުރަން ޖެހި، ތަރައްގީގެ މަޝްރޫއުތަކަށް ހިނގާފައިވާ ހަރަދުތައް ވަރަށް ބޮޑަށް އިތުރުވުމުންނެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކުރީ 42.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ސަޕްލިމަންޓްރީ ބަޖެޓާ އެކު ދައުލަތުގެވ މިއަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދު 49.4 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެ އެވެ.
ފިނޭންސް މިނިސްޓްރީން ހުށަހެޅު ސަޕްލިމެންޓްރީ ބަޖެޓުގައި ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހުށަހަޅާފައިވާއިރު އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީއަށް 1.7 ބިލިއަން ރުފިޔާ އިތުރުކުރުމަށް ހުށަހަޅާފައިވެ އެވެ.