ބަޖެޓު 2023

6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފި

މިއަހަރުގެ ބާކީ މިއޮތް ދެ މަހުގެ ހަރަދުތައް ހަމަޖެއްސުމަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް މިއަދު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

ފިނޭންސް މިނިސްޓްރީއާއި ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ވަނީ އަވަސް އަށް މިކަން ޔަގީންކޮށްދީފަ އެވެ.

އަވަސްއާ ވާހަކަދެއްްކެވި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަނީ އިންތހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުގެ ބޭފުޅުންނާވެސް މަޝްވަރާކުރެވިގެން ކަމަށެވެ. ނަމަވެސް އެ އޮފީހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ޖެހުނީ ކުރިން ލަފާކުރި އަދަދަށް ވުރެ މާބޮޑު އަދަދެއް ތެލަށް ހަރަދުކުރަންޖެހުމުންނާއި، ތަރައްގީގެ މަޝްރޫއުތަކަށް ހިނގާފައިވާ ހަރަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށެވެ. އަދި އާސަންދައަށް ބަޖެޓް ކުރި އަދަދަށްވުރެ އިތުރަށް ބޮޑު ހަރަދެއް ހިނގުމާއި ސްޓޫޑެންޓް ލޯނާއި ހިލޭ ޑިގްރީގެ ސްކީމަށްވެސް ކުރި ހަރަދު ބޮޑުވުމަކީ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަންޖެހޭ ސަބަބެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިކަމުގެ މައުލޫމާތު އަދި ތަފްސީލީ ގޮތެއްގައި ހާމަކުރާނަން،" އޮފިޝަލް ވިދާޅުވި އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކުރީ 42.8 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ސަޕްލިމަންޓްރީ ބަޖެޓާ އެކު ދައުލަތުގެވ މިއަހަރުގެ ބަޖެޓްގެ ޖުމްލަ އަދަދު 49.4 ބިލިއަން ރުފިޔާއަށް އިތުރުވެގެންދާނެ އެވެ.