އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 60 ގޮނޑި ހޯދުމަކީ އަމާޒެއް ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޓީވީ ޗެނަލަކަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ވާނީ ރާއްޖޭގެ އިގްތިސާދާއި ހާރިޖީ ސިޔާސަތު ހަމަ މަގަށް އަޅުވައި ރައްޔިތުން ބޭނުންވާ ފަދަ ވެރިކަމެއް ކުރެއްވުމަށް ވައުދުވެފައި ކަމަށެވެ. އެކަންކަން ކޮށްދެވޭނީ މަޖިލީހުގެ އަގުލަބިއްޔަތު ލިބިގެން ކަމަށްވާތީ މަދުވެގެން 60 ގޮނޑި ހޯދުމަކީ އަމާޒެއް ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑަށް އޮތް ޔަގީންކަމަކީ އަދި ހިތްހަމަޖެހުމަކީވެސް ޕީޕީއެމް ޕީއެންސީ އަށް އެ ފުރުސަތު ދިނުމަށް ރައްޔިތުން ބޭނުންވާކަން. ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އިން އެކަން ސާފުވޭ،" މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ބާރުތައް ބެހިފައިވާ ގޮތުން ސަރުކާރު ހިންގަވަން ހުންނަވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށެވެ. ޕީޕީއެމް ޕީއެންސީއަށް އެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށްވެސް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ކުރިއަށް އޮތް 20 ވަނަ މަޖިލީހަކީ ތައުލީމީ އަދި ތަޖުރިބާ ހުރި ބޭފުޅުންނާ އެކު ގިނަ އަދަދެއްގެ އަންހެން ބޭފުޅުންވެސް ފެނިގެންދާ މަޖިލީހަކަށް ވުމަކީ ކުރައްވާ އުއްމީދެއް ކަމަށެވެ.
"ކުރިއށް އޮތް މަޖިލީސް ވާނީ ރައްޔިތުން ބަލައިގަންނަ މެންބަރުންތަކެއް ތިއްބަވާނެ މަޖިލީހަކަށް،" އެމަނިކުފާ ވިދާޅުވި އެވެ.
ޕީޕީއެމް ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ނިކުންނަވާ ބޭފުޅުންގެ ތެރެއިން ތިންބައި ކުޅަ އެއްބަޔަކީ އަންހެން ބޭފުޅުންނަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށާއި އަދި އެކަމަށް ބާރުއަޅުއްވާ ހިތްވަރު ދެއްވާނެ ކަމުގައިވެސް އިންތިހާބީ ރައީސް ވިދާޅުވި އެވެ. އަދި އަލަށް ހޮވޭ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންނަކީ އަންހެން މެންބަރުންނަށް ވުމަށް އުއްމީދުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
އަންނަ އަހަރުގެ މާޗު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާނެ އެވެ.