ދުނިޔެ

ޣައްޒާ ހަނގުރާމައަށް ނުވަންނާނެ ކަމަކަށް ހިޒްބުﷲ ނުބުނޭ: ނަޖީބު މިގާތީ

ޣައްޒާއާ ޔަހޫދީންނާ ދެމެދު މިހާރު ހިންގަމުންދާ ހަނގުރާމައިގެ ތެރެއަށް ނުވަންނާނެ ކަމުގެ ޔަގީންކަށް ހިޒްބުﷲ ޖަމާއަތުން ދީފައި ނުވާ ކަމަށް ލުބްނާންގެ ވަގުތީ ބޮޑުވަޒީރު ނަޖީބު މިގާތީ ވިދާޅުވެއްޖެ އެވެ.

ހަނގުރާމައިގެ ތެރެއަށް ހިޒްބުﷲ ވެއްދުމަކީ ޔަހޫދީ ދައުލަތަށް އޮތް ކަމެއް ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ. އޭނާ އެ ވިދާޅުވީ ޔަހޫދީ އަސްކަރިއްޔާ އިން ހިޒްބުﷲ ރުޅިއަރުވާނަމަ ހަނގުރާމައިގެ ތެރެއަށް ވަނުން އެކަށީގެންވާ ކަމެވެ.

މަސްލަހަތަށްޓަކައި ހިޒްބުﷲއާ މަޝްވަރާކުރެއްވި ކަމަށް ނަޖީބު މިގާތީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެ މީހުންގެ ވިސްނު އޮތް ގޮތް އެނގިވަޑައިގެންނެވި ކަމަށާއި ހާލަތަށް ބަލައި އެ ވިސްނުން ބަދަލުކޮށްފާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ބޮޑުވަޒީރުގެ ހައިސިއްޔަތުން އެންމެ މުހިއްމީ ލުބްނާންގެ ހަމަޖެހުން ކަމަށް ނަޖީބު މީގާތީ ވިދާޅުވި އެވެ. އެހެނެއްކަމަކު ބަޔަކު ކުރާ ކަމަކުން ގައުމުގެ ހާލަތު ބަދަލުވުމަކީވެސް އޮތް ފުރުސަތެއް ކަމުގައި ވިދާޅުވި އެވެ.

މިގާތީ ވިދާޅުވީ ހިޒްބުﷲ އިން ޔަހޫދީންނާ ދެކޮޅަށް ހަމަލާތަކެއް ނުދޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ލިބިވަޑައި ނުގެންނެވި ކަމަށެވެ.

ޣައްޒާ ހަނގުރާމައިގެ ތެރެއަށް ހިޒްބުﷲ ނުވަނުމަށް އެމެރިކާ އޮތީ އިންޒާރު ދީފަ އެވެ. ހިޒްބުﷲ އިން ކަތި ފިޔަވަޅެއް އަޅައިފިނަމަ ދެން ބަދަލުވެގެންދާ ހާލަތަށް ހިޒްބުﷲ ޒިންމާވާން ޖެހޭނެ ކަމަށްވެސް އެމެރިކާ ބުނެ އެވެ.

ހިޒްބުﷲ އަކީ އީރާނަށް ބަރޯސާކުރާ އަސްކަރީ ޖަމާއަތެކެވެ. އެ މީހުންނަށް އަސްކަރީ ގޮތުންނާއި މާލީ ގޮތުން އެހީތެރިވަނީ އިރާނުންނެވެ.

އީރާންގެ ހާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާން ވެސް ވަނީ މިދާކަށް ދުވަހު ލުބްނާނަށް ވަޑައިގެން ހިޒްބުﷲ ޖަމާއަތުގެ އިސްވެރިންނާ ބައްދަލުކުރައްވާފަ އެވެ.

އަބްދުއްލަހިޔާން އަރަބި ނިއުސްއަށް ވިދާޅުވި ގޮތުން ދަތުރުގެ ބޭނުމަކީ ލުބްނާންއާ އެކު އޮތް ގުޅުން ބަދަހިކުރެއްވުމެވެ. އަދުގެ ހާލަތު އޮތް ގޮތުން އީރާންއާ ލުބްނާންއާ މުއާމަލާތްކުރާނެ ގޮތް ކަނޑައެޅުއްވުމަކީ ވެސް ބޭނުންފުޅެއް ކަމަށް ވިދާޅުވި އެވެ.