ދަނގެތި

އެކަނި މަހަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަނީ

އދ. ދަނގެތި މީހަކު އެކަނި މަހަަށް ނިކުމު އުޅެނިކޮށް ގެއްލިގެން ހޯދަން ފަށައިފި އެވެ.

މިއަދު ފަތިހު މަހަށް ނިކުން ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދަނީ ދަނގެތި، ނޫލައިޓް، އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހިމް އެވެ.

ދަނގެތިން އަވަސްއަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ޔޫސުފް މަހަށް ނިކުތީ އޭނާގެ އަމިއްލަ ދޯނީގައި އެކަންޏެވެ. ދޯނި ފެނިފައިވާ ކަމަށާއި އެކަމަކު ޔޫސުފް އަދި ފެނިފައި ނުވާ ކަމަށްވެސް ބުންޏެވެ.

"އަސްލުގައި ޔޫސުއްބެ އަކީ އުމުރުގެ ގޮތުން އެހެން ދޭތެރެއަކުން ނިދިޖެހޭ މީހެއް. މީގެކުރިންވެސް އެކަނި މަހަށް ނިކުމެ އުޅެނިކޮށް ނިދިޖެހިގެން ދޯނި ފަރަށް އެރުން ފަދަ ކަންކަންވެސް ކުރިމަތިވެފައިވޭ،" މައުލޫމާތު ދިން މީހާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ ޔޫސުފް މަހަށް ނިކުމެ އުޅެނިކޮށް މިއަދުވެސް ބައެއް މީހުންނަށް ފެނުނު ކަމަށެވެ.

ޔޫސުފް ގެއްލިގެން އޭނާ ހޯދުމަށް އެރަށުގެ ދޯނިތަކުގައި ބައެއް މީހުން މިހާރު ވަނީ ކަނޑު މައްޗަށް ނިކުމެފަ އެވެ. ނަމަވެސް ޔޫސުފް އަދި ފެނިފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ.