އީޕީއޭ

ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ފަށައިފި

ރަސްފަރި ފަރަށް ބޯޓެއް އަރައި ފަރަށް ލިބުނު ބޮޑު ގެއްލުން ހައްލުކުރުމަށް މުރަކަ އާލާކުރުމުގެ މަސައްކަތް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ފަށައިފި އެވެ.

ސަރުކާރުން 1995 ވަނަ އަހަރު ހިމާޔަތްކޮށްފައިވާ ރަސްފަރި ފަރަށް ގެއްލުންވީ ޕެނަމާގައި ރަޖިސްޓަރީ ކޮށްފައިވާ ކާގޯ ބޯޓު -- "ނާވިއޮސް އާމަލިސް" އޮގަސްޓް 19، 2021 ގައި ރަސްފަރި ފަރަށް އުރުމާ ގުޅިގެންނެވެ. ގާތްގަނޑަކަށް 600 ފޫޓުގެ ދިގު އަދި 32،000 މެޓްރިކް ޓަނަށްވުރެ ބޮޑު ކާގޯ ބޯޓު ފުންކުރެވުނީ އޮގަސްޓް 29، 2021 ގައެވެ.

ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ބޯޓުގެ ވެރިފަރާތް 154.2 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފަ އެވެ.

އީޕީއޭ އިން މިއަދު ބުނީ ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މިވަގުތު އެ މަސައްކަތް ކުރަނީ އެ އިދާރާގެ މުވައްޒަފުން އެކަނި ކަމަށެވެ.

ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނިންމާފައިވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. މިމަޝްރޫއު ރަސްމީކޮށް ފެށުން އިފްތިތާހުކުރާނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު އެވެ.