ދިރާގު

ދިރާގަށް 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

Oct 15, 2023

ދިރާގަށް 35 އަހަރު ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން އެކުންފުނިން ހާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

ދިރާގުގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި މި އިވެންޓްގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދާއި ދިރާގުގެ ބޯޑް އޮފް ޑިރެކްޓާސްގެ ޗެއާމަން އިސްމާޢީލް ވަހީދާއި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ރަޝީދުގެ އިތުރުން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި ލީޑަޝިޕް ޓީމްގެ މެންބަރުން ބައިވެރިވި އެވެ.

ވިލާ ނޯޓިކާ ޕެރެޑައިސް އައިލެންޑްގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ 1988ވަނަ އަހަރު ދިރާގު އުފެދުނީއްސުރެ އެ ކުންފުނީގައި މަސައްކަތް ކުރަމުންދާ 22 މުވައްޒަފެއްގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑެއް ދީފައެވެ.

މިއާއެކު މި ހަފްލާގައި ވަނީ އެ ކުންފުނީގެ 35 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ފޮޓޯ ފޮތް ކަމަށްވާ 'ލީޑިން ދަ ޑިޖިޓަލް ޓްރާންސްފޯމޭޝަން ޖާނީ އޮފް ދަ މޯލްޑިވްސް' ޑިޖިޓަލްކޮށް އިފްތިތާހުކޮށްފަ އެވެ.

މި ފޮތް އިފްތިތާހުކޮށް ދެއްވީ ދިރާގުގެ ޗެއާޕަސަން އިސްމާޢީލް ވަހީދު އަދި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާޢީލް ރަޝީދެވެ.

މިހާރު ދިރާގު ވެބްސައިޓުން ޑިޖިޓަލްކޮށް ލިބެން ހުރި މި ފޮތުގައި ރާއްޖޭގެ ގައުމީ ޑިޖިޓަލް އިންފްރާސްޓްރަކްޗާ ބިނާކޮށް، ފާއިތުވި 35 އަހަރު ދުވަހުގެ ތެރޭގައި ދިރާގުން ހޯދާފައިވާ މުހިންމު ކާމިޔާބީތައް ދައްކައިދީފައިވެ އެވެ.

މީގެ އިތުރުން ކުލަގަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކަކާއެކު އެ ކުންފުނިން ވަނީ އަގުހުރި އިނާމުތަކާއެކު މުވައްޒަފުންގެ މެދުގައި ހާއްސަ ލަކީ ޑްރޯއެއް ބާއްވާފަ އެވެ.

ދިރާގުން އަބަދުވެސް ދަނީ އެ ކުންފުނީގެ މުވައްޒަފުން ބާރުވެރިކޮށް ކަސްޓަމަރުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް މުވައްޒަފުންކުރާ ހީވާގި މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރަމުންނެވެ.