އެމްއެންޑީއެފް

ޔޫސުފް ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށައިފި

އެކަނި މަހަަށް ނިކުމު އުޅެނިކޮށް ގެއްލިފައިވާ އދ. ދަނގެތި، ނޫލައިޓް، އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހިމް ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކޮށްފި އެވެ.

ޔޫސުފް މަހަށް ނިކުތީ އޭނާ ގެންގުޅޭ އިންޖީނުލީ ކުޑަ ދޯންޏެއްގައި ރޭ ފަތިހު 5:15 ހާއިރު ކަމަށްވެ އެވެ. ދޯނި އިއްޔެ ފެނިފައިވިޔަސް ޔޫސުފް އަދި ފެނިފައެއް ނުވެ އެވެ. ދޯނި ފެނުނީ އދ. ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް އިއްޔެ ފަތިހު 9:25 ހާއިރު އެވެ. ޔޫސުފް އިއްޔެ މަހަށް ނިކުންއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއް ކަމަށް އާއިލާ އިން ބުނެ އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ޔޫސުފް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށެވެ. އެގޮތުން ކޯސްޓްގާޑުގެ ޑައިވަރުންނާއެކު ދަނގެތީގެ ޑައިވަރުންނާއި ކައިރި ރިސޯޓްތަކުގެ ޑައިވަރުން ހަރަކާތްތެރިވަމުންދާއިރު ކަނޑުމަގުން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ފާސްޓް އިންޓަސެޕްޓަ ކްރާފްޓް "ހަކުރާ" އުޅަނދާ އެކު ފުލުހުންނާއި ކައިރި ރިސޯޓްތަކާއި ދަނގެތީގެ ބައެއް އުޅަނދުތައް ވެސް ހަރަކާތްތެރިވަމުންދެ އެވެ.

ޔޫސުފް ހޯދުމުގެ އޮޕަރޭޝަން އިތުރަށް ފުޅާކުރުމުގެ ގޮތުން ޑޯނިއަ އެއާކްރާފްޓް މިއަދު ގެންދަނީ ވައިގެ މަގުން ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ބުނީ ޔޫސުފް ގެއްލިގެން ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހެނދުނު 11:42 ހާއިރު ކަމަށެވެ. މައުލޫމާތު ލިބުނު ގޮތުގައި ޔޫސުފް އިއްޔެ ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި މަސްވެރިކަމަށް ނިކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށް ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ވަނީ ޔޫސުފްގެ މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށްވެސް އެދިފަ އެވެ.