އެމްއެންޑީއެފް

ޔޫސުފް ހޯދުމަށް ފީނައިގެން 78،000 ސްކޮޔަ މީޓަރުގެ ސަރަހައްދެއް ބަލައިފި

އެކަނި މަހަަށް ނިކުމު އުޅެނިކޮށް ގެއްލިފައިވާ އދ. ދަނގެތި، ނޫލައިޓް، އުމުރުން 68 އަހަރުގެ ޔޫސުފް އިބްރާހިމް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޑައިވްކޮށްގެން 78،850 ސްކޮޔަ މީޓަރުގެ ސަރަހައްދެއް ބަލައިފި އެވެ.

ޔޫސުފް މަހަށް ނިކުތީ އޭނާ ގެންގުޅޭ އިންޖީނުލީ ކުޑަ ދޯންޏެއްގައި މިދިޔަ ހޮނިހިރު ދުވަހު ފަތިހު 5:15 ހާއިރު ކަމަށްވެ އެވެ. ދޯނި އެ ދުވަހު ފެނިފައިވިޔަސް ޔޫސުފް އަދި މިހާތަނަށް ފެނިފައެއް ނުވެ އެވެ. ދޯނި ފެނުނީ އދ. ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް ހޮނިހިރު ދުވަހު ފަތިހު 9:25 ހާއިރު އެވެ. ޔޫސުފް މަހަށް ނިކުންއިރު ލައިގެން ހުރީ ރަތްކުލައިގެ ޓީޝާޓެއް ކަމަށް އާއިލާ އިން ބުނެ އެވެ.

ޔޫސުފް ގެއްލިގެން އާއިލާ އިން އެމްއެންޑީއެފްއަށް ރިޕޯޓް ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 11:42 ހާއިރު ކަމަށެވެ. މައުލޫމާތު ލިބުނު ގޮތުގައި ޔޫސުފް އޭނާގެ ދޯނީގައި މަސްވެރިކަމަށް ނިކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށް ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ޔޫސުފް ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު މިއަދު ހިއްސާކުރަމުން އެމްއެންޑީއެފް އިން ބުނީ
ޔޫސުފް ހޯދުމުގެ ގޮތުން މިމަހުގެ 15 ވަނަ ދުވަހު ޑައިވްކޮށްގެންނާއި، އޭރިއަލް ސާޗް އަދި ސާފޭސް ސާޗްތަކެއް ކުރިއަށް ގެންދެވުނު ކަމަށެވެ. ޑައިވްކޮށްގެން 78،850 ސްކޮޔަ މީޓަރުގެ ސަރަހައްދެއް ބަލާފައިވާއިރު ޑައިވަރުންގެ ތެރޭގައި ސިފައިންނާއި ދަނގެތީގެ ބައެއް މީހުންވެސް ހަރަކާތްތެރިވެ އެވެ. ވައިގެ މަގުން އެމްއެންޑީއެފް ޑޯނިއަ އެއާކްރާފްޓުގައި 156.87 ސްކޮޔަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު ކަނޑުމަގުން ކޯސްޓްގާޑް އުޅަނދު -- "ހަކުރާ" އިން ވަނީ 4.11 ސްކޮޔަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފަ އެވެ.

ޔޫސުފް ހޯދުމުގެ މަސައްކަތުގައި ދަނގެތީ ރައްޔިތުންގެ އިތުރުން ލިލީ ބީޗް ރިޒޯޓާއި، ވިލަމެންދޫ އައިލެންޑް ރިޒޯޓާއި، ނޯވާ މޯލްޑިވްސްއާއި، އަމާޔާ ރިޒޯޓް ކުޑަ ރަށް މޯލްޑިވްސްގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވެ އެވެ.