ވާހަކަ

އަދުވީ ރޯށޭ

ނޯޓް: މިއީ 2012 ވަނަ އަހަރު ލިޔެފައިވާ ވާހަކައެކެވެ.


ދުނިޔޭގެ ދިރިއުޅުން ހުޅުވާލެވިފައިވާ ބޮޑު ފޮތެއް ފަދައެވެ. އަދި އިންސާނާގެ ކުރު ހަޔާތަކީ އެ ފޮތުގައި ލިޔެވެމުންދާ ވާހަކައެއް ފަދައެވެ. އެކި ބާބުތަކަށް އެޞަފުހާތަކުގައި އެތަކެއް ވާހަކަތަކެއް ރެކޯޑުވެފައި ހުންނާނެކަން ޔަޤީނެވެ. އެސޮފުހާތަކުގައި ލިޔެވިފައިވާ ހުރިހާ ކަމަކީ އަމިއްލަ ރޫހަށް ހިތްހަމަޖެހުމާ އުފާވެރިކަން ގެނެސްދޭ ކަންތައްތަކެއް ނޫނެވެ. ލިބިފައިވާ ތަޖުރިބާތަކާއި ދަސްވި ފިލާވަޅުތަކުން އިބްރަތް ލިބިގަތުން އޮންނަނީ އެމީހެއްގެ އަމިއްލަ އަތްމަތީގައެވެ.

އަހަރެންގެ ހަޔާތަށް މިވަނީ ކަޅުކަންގަދަ އަނދިރިގަނޑެއް ވެރިވެފައެވެ. ބަހާރުގެ އާރޯކަން ނެތި ދާއިމީ ހަރީފެއްގެ ވީރާނާކަން ތަޙައްމުލު ކުރާން ޖެހިފައެވެ. އަހަރެންގެ އުފަލަށްޓަކައި، އަހަރެންގެ ހިތުގެ ހަމަޖެހުމަށްޓަކައި މުޅި އުމުރުގައި ވެސް ކުރެވުނީ އެންމެ ކަމެކެވެ. އެއީ މި ހިތުން އޭނާއަށް ޖާގައެއް ދެވުމެވެ. ފުރާވަރުގެ އެންމެ ފަހު ހަރުފަތުގެ ދުވަސްތައް ގުނަމުން އަހަރެން ދިޔައީ އަހަރެންފަދަ އެހެން ކުދީންނެކޭ އެއްގޮތަށް އަވަހަށް "ބޮޑު" މީހަކަށް ވާން ބޭނުންވެފައި ހުރެއެވެ. ހަޔާތަށް އެންމެ ބޮޑު ބަދަލެއް އައީ ވެސް އޭރުއެވެ. އަހަންނަށް ލޯތްބޭ މިކިޔާ ބަލި ޖެހުނީ ނޭނގިހުއްޓަ އެވެ. ހަމަކުއްލިއަކަށެވެ. އޭނާގެ ފުރަތަމަ ފެނިލުމުންނެވެ.

ގުރޭޑު ބާރައިގެ އެންމެ ފަހު އަހަރުގެ ދުވަސްތަކެވެ. ބަދަލު މުދައްރިސެއްގެ ގޮތުގައި ކުލާހަށް އައި ޒުވާން މުދައްރިސާ ފުރަތަމަ އަހަންނާ ބައްދަލުވީ އެދުވަސްތަކުގަ އެވެ. އެދުވަހު ކުލާހުގައި ތިބި ހުރިހާ އަންހެންކުދިންގެ ހިތަށް ވެސް، އަހަރުމެންނަށް ކިޔަވައިދޭ މުދައްރިސް ޗުއްޓީނެގިކަން އެއީ ނަސީބެކޭ ހިތަށް އަރާނެކަން ޔަޤީނެވެ. އެހެންނޫންނަމަ އަހަރުމެންނާ އެ ރީތި ޒުވާން މުދައްރިސާ ބައްދަލެއް ނުވީހެވެ.

އަތުގައި އޮތް ފޮތާއި ހާޟިރީ މޭޒުމަތީ ބާއްވާލަމުން ކުލާސްރޫމުގެ ތެރެއަށް އޭނާ ނަޒަރު ހިންގާލި އެވެ. އަދި ހެނދުނުގެ ސަލާމުން އަހަރުމެންނާ ސަލާމުކޮށްލުމާއިއެކު މޭޒުގެ ކަނެއްގައި އިށީނދެލައިގެން އިނދެ ހާޟިރީ ބަލަން ފެށި އެވެ. އޭގައިވާ ތަރުތީބުން ފަހަރަކު ކުއްޖެއްގެ ނަން އޭނާ ގޮވަމުންދިޔަ އެވެ. އަހަންނެކޭ އެއްފަދައިން ހުރިހާ ކުދިން ވެސް ތިބީ އެ ޒުވާން މުއްދަރިސް، އޭނާއާ ބެހޭގޮތުން ކޮންމެވެސް ވަރެއްގެ ތަޢާރަފެއް ދޭނޭ އިރެއްގެ އިންތިޒާރުގަ އެވެ.

"ލިވީ... ލިވީ...." އެ ޒުވާންކަމަށް ގެއްލިފައި އިންދާ އަހަރެން ސިހިގެންދިޔައީ މުދައްރިސް އަހަރެންގެ ނަން ތަކުރާރުކޮށް ގޮވާލުމުންނެވެ. އޭރު ކައިރީގައި އިން އެކުވެރިޔާ ވެސް އަހަރެންގެ އަތުގައި ވިކައިލައިފިއެވެ. އޭނާގެ ނަޒަރު އޭރު ހުރީ އަހަރެންނާ އަމާޒުވެފައެވެ. ހިތްދަމައިގަންނަ ފަދަ ފިރިހެންވަންތަ ކަމެއް ލިބިފައިވާ އަޑެކެވެ. ލުއިހިނިތުންވުމަކާއިއެކު އަހަރެން ޖަވާބު ދިނީމެވެ. އޭރު މޭގައި ފޮރުވި އޮތް ހިތް ތެޅެމުންދިޔައީ މީގެ ކުރީން ނުތެޅޭހާ އަވަސްކަމާއެކީއެވެ. އަދި އަހަރެންގެ އަޑު ނުކުތްގޮތުން ވެސް ޚުދު އަހަންނަށް ކޮންމެވެސް ގޮތެއް ވެއްޖެކަން އެވަގުތު ވެސް ޔަޤީންކުރަން އެނގުނެވެ.

"އަހަންނަށް ކިޔަނީ އަރަޝް، މީގެ ފަހުން މިކުލާސް ކުރިއަށް ގެންދާނީ އަހަރެން، ހުރިހާ ކުދިންގެ އެއްބާރުލުން ލިބޭނޭކަމަށް އުންމީދު ކުރަން، ސަރއަށް އަޑުއިވިފައި އޮތްގޮތުގައި މިކުލާހަކީ ފާހަގަކޮށްލެވޭ މޮޅެތި ދަރިވަރުންތަކެއް އުޅޭ ކުލާހެއް" އެޒުވާނާގެ އަތުގައި އޮތް ހާޟިރީ އެއްފަރާތުގައި ބާއްވާލަމުން އެ އިންގޮތަށް އިނދެ ބުނެލިއެވެ. ސާފު އިނގިރޭސި ބަހުން އެޒުވާން މުދައްރިސް ވާހަކަދައްކަމުން ދިޔައިރު ހީވަނީ ބޭރު ޤައުމެއްގައި ގިނަ ދުވަސްތަކެއްވަންދެން އުޅެފައި ހުރިހެންނެވެ. ވާހަކަދެއްކުމުގެ ރާގާއި ވަށްޓަފާޅި ހުރީ އެގޮތަށެވެ. ދިވެހި ބަހުން އެއްޗެއް ބުނެލަނީ ވަރަށް މަދުން އެވެސް ކޮށި ގޮތަކަށެވެ. ނަމަވެސް އަހަންނަށް އިވުނީ ހަމައެކަނި އޭނާގެ ނަން ބުނެލި އަޑެވެ. ދެން އޭނާ ކުލާހާ މުޚާޠަބުކޮށް އެ ދެއްކި އެއްވެސް ވާހަކައެއް ސާފެއްނުވިއެވެ. ޚިޔާލީ ދުނިޔެއަކަށް ނަފްސު ބެހިގެން ދިޔައީއެވެ. ބޭއިޚްތިޔާރުގައި ކުރިމަތީގައި ހުޅުވާފައި އޮތް ފޮތުގައި "އަރަޝް" އެނަން އިނގިރޭސި އަކުރުން ލިޔެލެވުނީ ކިތައް ފަހަރު ކަމެއް ނޭނގުނެވެ. ފެންނަން އޮތީ ފޮތުގައި ވިޔަސް އެ ނަމުގެ ކޮންމެ އަކުރެއް ރަންދެލިން ފަވާލެވުނީ އަހަރެންގެ ހިތުގެ އަޑީގައެވެ.

ކޮންމެ ދުވަހެއްގެ ތާވަލުގައި އަރަޝްގެ ގަޑިއެއް ހިމެނިފައި އޮންނާނެ ނަމައޭ އަހަރެންގެ ހިތަށް އަރައެވެ. ނަމަވެސް އެއީ އަހަރެންގެ އަތްމަތީގައި އޮތްކަމެއް ނޫނެވެ. ކުރިއާ ޚިލާފަށް އަރަޝް ގަޑި ނަގައިދޭން ފެށިފަހުން އެގަޑިއަށް އަހަންނަށް އިންތިޒާރު ކުރެވުމާއެކު ޝައުގުވެރިކަން ވެސް އިތުރުވެގެން ދިޔައެވެ. އަރަޝް ކުލާހަށް ވަދެ ގަޑި ނިންމާފައި ދަންދެން އަހަންނަށް އިނދެވެނީ އާގަމައަރާފައި އެފިރިހެންވަންތަ މޫނަށް ބަލަހައްޓައިގެންނެވެ. އެހިތްގައިމު އަޑުގައި ޖެހި މަސްތުވެފައެވެ. އެދެލޮލުގައިވާ ވިދުން ގަދަކަމުން ރޯނާ އަރާފައެވެ.

އެގޮތުން އަރަޝްގެ ގަޑީގައި ކުލާހުގައި އިން ދުވަހެކެވެ. ކުއްލިއަކަށް އައިސް ގައިގާ އެއްޗެއް ޖެހުމުން ސިހިފައި އެއީ ކޮންއެއްޗެއްތޯ ބަލާލެވުނެވެ. އޭރު އަހަރެންގެ ކޮނޑުގައި ޖެހިފައި އެ އެއްޗެއް ވެއްޓުނީ އުނގަށެވެ. އަހަރެން ބަލާލިއިރު އުނގުގައި އޮތީ ބޯޑުގައި އަރަޝް ލިޔަން ގެންގުޅުނު މާކަރުގެ ދޯރި އެވެ. ރޭކާލީ ދެނެވެ. އަހަރެން އިންގޮތުން ފިލާވަޅަށް ސަމާލުކަން ނުދޭކަން އަރަޝްއަށް ފާހަގަކުރެވުނީ އެވެ. އެދުވަހަށްފަހު އަރަޝްގެ ދުލުން އަހަރެންގެ ނަން ކިޔާލެއް ގިނަވިއެވެ. އެކަންވީ ބަޔާންކުރާން ނޭނގޭ ތަފާތު ހިތްހަމަޖެހުމެއް ހިތަށް ލިބިދިން އިޙްސާސަކަށެވެ. އެހެން ކުދިން ދުށީ އަހަރެން ފަރުވާކުޑަކުރަނީ ކަމުގައެވެ. ނަމަވެސް އަހަންނަށް އެކަންވީ ހިތަށް ލިބުނު ކުރިއެރުމަކަށެވެ. މިފަދަ ކަންކަން އަހަރެންގެ ފަރާތުން ތަކުރާރުވާން ފެށުމުން އަރަޝް ކުލާސްނިންމާފައި އަހަންނާ ވަކިން ބައްދަލުކޮށް ނަސޭހަތްދީ ހެދިއެވެ. އަހަރެންނަކީ ކިޔެވުމުގައި އެންމެ މަތީ ދަރަޖައިގެ ދަރިވަރަކަށް ނުވިޔަސް ކިޔެވުމުގައި ފަރުވާކުޑަކުރާ ދަރިވަރެއްނޫނެވެ. އެއްވެސް މުދައްރަސެއް މިހާތަނަށް އަހަރެންގެ ޝަކުވާއެއް ކޮށްފައެއް ވެސް ނެތެވެ. އަރަޝް އެ ހުރިހާކަމެއް ބެލިއެވެ. އަހަރެންގެ ކިޔެވުން ހުންނަނީ ކިހިނެއްކަމެވެ. އެހެން މުދައްރިސުންގެ ގަޑީގައި އަހަރެންގެ އުޅުން ހުންނަ ގޮތް ވެސް މެއެވެ. އޭނާ ނަޞޭޙަތް ދޭއިރު އެއިން ކޮންމެ ފަހަރަކު އަހަންނަށް ހުރެވެނީ ލުއި ހިނިތުންވުމަކާއިއެކު އެރީތި މޫނަށް ބަލަހައްޓައިގެން އެފުން ދެލޮލުގެ ތެރެއަށް ގެއްލިފައެވެ. އަރަޝްއަށް އަހަރެންގެ ތަބީޢަތަށް އައިސްގެން މިއުޅޭ ބަދަލަކީ އޭނާއާ ގުޅިފައިވާ ކަމެއްކަން ވިސްނުނީ ތޯއްޗެކެވެ.

ދެ މަސް ފާއިތުވެގެން ދިޔައިރު ފަހަކަށް އައިސް އޭނާ އަހަންނަށް ނަސޭޙަތްދިނުމުގެ ބަދަލުގައި އަހަންނާ ބަދަލުކޮށްލަން ފެށީ މާނަފުން ހިނިތުންވުމެކެވެ. ފިލާވަޅަށް ސަމާލުކަން ދޭން އިޝާރާތްކޮށްލާ ގޮތް ވެސް ތަފާތު ވިއެވެ. އެކަމުން އަހަންނަށް ޔަޤީންވީ މުދައްރިއްސެއްގެ ރޯލުގައި ހުއްޓެއްކަމަކު އޭނާއަކީ ވެސް ހުރިހާ ހިއްސެއް ސަލާމަތުން ހުރި ފިރިހެނެއްކަމެވެ. އަދި އޭނާގެ ހިތުގައި ވެސް އަހަންނާމެދު ކޮންމެވެސް އިޙުސާސްތަކެއް އުފެދިއްޖެކަމެވެ. ބައެއްފަހަރު ފިލާވަޅު ދަސްކުރުމުގައި އެހެން ކުދިންނާ ޙިއްޞާ ނުކުރާ ބައެއް މަޢުލޫމާތާއި "ޓިޕްސް" އަރަޝް އަހަންނަށް އޮޅުން ފިލުވައިދެ އެވެ. އަދި އޭގެ އިތުރުން ކުލާހުގައި ކަމެއް ކުރަންޖެހުނަސް އެންމެ ފުރުތަމަ އަރަޝްގެ ދުލުކުރީގައި އޮންނަނީ އަހަރެންގެ ނަންކަން ފާހަގަކުރެވުނެވެ. އެއްފުރައިގެ ކުދިންނެއްކަމަކު ކުލާހުގައި އުޅޭ ގިނަ ކުދިން ހީކުރީ އަހަރެން ފަރުވާކުޑަކުރާތީ މުދައްރިސް އަހަންނަށް ޚާއްޞަ ސަމާލުކަމެއް ދެނީކަމުގަ އެވެ. ނަމަވެސް ހަޤީޤަތަކީ އެއެއްނޫނެވެ. އަހަންނަށް ލިބެމުންދިޔަ އުފަލުގެ ކޮޅެއްނެތެވެ. ހިތްއެދޭގޮތަށް ހުރިހާ ކަމެއް ވަމުންއަންނާތީ އެވެ. ޒުވާން އަރަޝްގެ ހިތް އަހަންނަށް ފަތަޙަކުރެވެމުން އަންނަކަމުގެ ލިސާންތަކުންނެވެ. އަހަރެމެންގެ ދެމެދުގައި ވީ އުމުރުގެ ފަރަގަކަށް އެއް ފަހަރު ވެސް އަހަރެން ވިސްނާނުލަމެވެ. އަހަރެންނަކީ ކިޔަވާ ކުއްޖެއްކަމާއި އަދި އޭނާ އެއީ މުދައްރިސްކަން އެއީ އަހަރެން ސަމާލުކަން ދޭން ބޭނުންވާ ކަންކަމެއްނޫނެވެ. އުމުރަށް ބަލާނަމަ އަހަރެންވާނީ ކުޑަކުއްޖަކަށެވެ. ނަމަވެސް އަހަރެންގެ ޝުޢޫރުތަކާއި ހިތުގެ އިޙްސާސްތައް ބުނެދެނީ މުޅީން އެހެން ވާހަކައެކެވެ.

މަންމަގެ ރީތިކަމާއި ބައްޕަގެ ދޮންކަން އަހަންނަށް ވަރަށް ފުރިހަމައަށް ލިބިފައިވެއެވެ. އޭގެ އިތުރުން ދިގު ފަންއިސްތަށިގަނޑެއްގެ ވެރިއެކެވެ. މޫނުމަތީގެ ކަނާތު ލޯކައިރި ކޯތާފަތުގައި ފެންނަން ހުންނަކަޅުތިލައަކީ ފާހަގަކޮށްލެވޭ ނިޝާނެކެވެ. މާލޭގައި އުޅެވޭ ޢާއިލާއަކަށް ލިބުނު ތިންބެއިންގެ ތެރެއިން މެދުކުއްޖާ އެވެ. މީގެއިތުރުން ޢާއިލާގެ ދޮށީ އަންހެން ކުއްޖާ ވެސް މެއެވެ. ބައެއްފަހަރު ފިރިހެން ކުދިން އަހަރެންގެ ރީތިކަމަށް ތަޢުރީފުކޮށް ހަދަ އެވެ. އެފަދަ ވަގުތު ތަކުގައި ވަރަށް ބޮޑާވެލެވެއެވެ. އަހަންނަށް އަހަރެންގެ ރީތިކަން ފެނިފައި ހުންނަފަދަ ގޮތަކަށެވެ. އެކަމަށް ހަސަދަވެރިވާ އަންހެން ކުދީން އުޅެއެވެ. ފުރަގަހުގައި ސިބިސިބި ލައްވާ ހަދައެވެ. ކުޑަވެސް ފަރުވާލެއް އެކަމަށް ނުދެމެވެ. މީހަކު ނުބުންޏަސް އަހަންނަކީ ރީތި އަންހެންކުއްޖެއްކަން ޚުދު އަހަންނަށް އެނގޭތީއެވެ. ނަމަވެސް އަހަރެންގެ ހިތް އަތުލެވޭ ވަރުގެ ފިރިހެން ކުއްޖަކާ މިވީހާތަނަށް ދިމާވެފައެއް ނުވެއެވެ. އުމުރުން އަށާރަ އަހަރު ފުރެން ގާތް ވެފައިވަނިކޮށް އަހަރެންގެ ހިތަށް ބުނެދޭންނޭނގޭ ގޮތްތަކެއް އިޙުސާސްކުރުވި ފުރަތަމަ ޒުވާނަކީ އަހަންނަށްވުރެ ސާދަ އަހަރު ދޮށީ މީހެކެވެ. އެ ޒުވާނާއަކީ އަހަރެންގެ މުދައްރިސްއެވެ. އަރަޝް އެވެ.

* * * * *

ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްތަކުން ދުވަހެކެވެ. ތުނިތުނިކޮށް ވެހެމުންދިޔަ ވާރޭ ބޯކޮށްލީ ކޮލެޖާ ވަރަށް ކައިރިވެފައި ހުއްޓައެވެ. އަތުގައި އޮތް ފޮތް މޭގައި ޖައްސައި ދެ އަތުން ފޮރުވާލަމުން ދުއްވައިގަތީމެވެ. އެހެންވިޔަސް ކޮލެޖަށް ވަދެވުނު އިރު ވަރަށް ބޮޑަށް ތެމިއްޖެއެވެ. ބަންދު ދުވަހަކަށް ވީތީ ކޮލެޖުގައި މާގިނަ ކުދީންތަކެއް ނެތެވެ. އިތުރު ގަޑިއަށް އައި ގިނަކުދީން ތިބީ ތެމިފައެވެ. އެއީ އަރަޝް ބޭއްވި އިތުރުގަޑިއެކެވެ. އޭރު އަދި އޭނާ ކުލާހަކަށް ނާދެއެވެ. އަހަރެންނެކޭ އެއްފަދައިން ކޮންމެ ކުއްޖަކު ބެލީ ފަންކާގެ ދަށުގައި ހުއްޓިލެވޭތޯއެވެ. ލައިގެން ތިބި ހުދު ޔުނީފޯމު ގަމީސްވަނީ ނުހަނު ބޮޑަށް ތެމިފައެވެ. ދެ ކޮނޑުމަތިން ގަމީސް ހިއްލާލައިގެން އަހަރެން ހުރީ އަވަހަށް ހިކޭތޯއެވެ. ގަމީސް ތަތްލާފައި ހުރުމުން މާބޮޑަށް ގައި އެނގޭތީއެވެ.

އަރަޝް އައިސް ކުލާހަށް ވަނެވެ. އޭނާގެ ކަޅުކަންގަދަ ފަން އިންސަތަށިގަނޑުން ތެތްކަން ފާޅުވެއެވެ. ބޮލުގައި އަތް ފުނާ އެޅުމުގެ ސަބަބުން އާންމުކޮށް ފެންނަ ތަރުތީބުކަމެއް ނެތެވެ. ގަމީހަކާއި ޖިންސެއްގައި ހުރިއިރު އެފަދަ ނުރަސްމީ ސިފައެއްގައި އޭނާ ދުށް މީ ފުރަތަމަ ފަހަރެވެ. ކުލާހާ ވާހަކަދައްކަމުން އަރަޝް ވަދެގެން އައިސް މޭޒު ކައިރީ ހުއްޓިލިއެވެ. ހަލުވިކަމާއެކު ހުރިހާ ކުދީން ގޮނޑިތަކުގައި އިށީންނަން އަވަސްވެލިއެވެ.

އަރަޝްގެ ނަޒަރު އަހަރެންނަށް އަމާޒުވެލާފައި ހުރިތަން ފެނި އަހަރެންގެ މެޔަށް ފިނިވެގެން ދިޔައެވެ. އެ ދެ ލޮލުން އަހަރެން ދުށީ އަހަރެންނަށް ޚާއްޞަކުރެވިފައިވީ ބަލާލުމެއްގެ އަސަރެކެވެ. އެ ފަރުވާތެރި ބެލުމުގައިވާ ސަމާލުކަން ހުއްޓިފައިވީ ކޮންކަމަކަށްކަން އަހަރެންގެ ހިތާއި ޟަމީރަށް ދެނެގަންނަން އެނގުނެވެ. މުޅި ހަށިގަނޑަށް ކަރަންޓުގެ ޝޮކެއް ލިބުނުފަދަ އެވެ. ކަނދުރާގައި ހުރި ލޯލިތައް ވަގުތުން ކޮޅަށް ޖެހުނުކަން އިޙުސާސްވުމާއިއެކު ފާޑެއްގެ ތުރުތުރެއް މުޅި ހަށިގަނޑަށް ފެތުރިގެންދިޔައެވެ. ބަނޑުގައި ކުދިކޮކާ އުދުހެންފެށި ކަހަލައެވެ. މުޅި ހަށިގަނޑެއް ފިނިގަނޑެއް ފެތުރިގެން ދިޔައެވެ. މަޑު ހިނގުމެއްގައި އަރަޝް އައިސް އަހަރެން މަޑުކޮށްލައިގެން ހުރި ހިސާބުގައި ހުއްޓުނެވެ. އެހެންކުދީންނަށް ބަލާލާފައި އިށީނަން އޭނާ ބުނެލިއެވެ. އަހަރެންގެ ގޮނޑީގައި އިށީންނަންދެން އަރަޝް އަހަންނަށް ވަރަށް ރަނގަޅަށް ބެލިއެވެ. އެހާ ކައިރީގައި ހުރެ ބަލަމުންދާތީ ރަކިވިއެވެ. ލަދުގަތެވެ. އަހަރެންނާ އެންމެ އެއްކޮށް އުޅޭ އެކުވެރިޔާ ޝިއުނާއަށް ވެސް އެކަން ފާހަގަކުރެވުނެވެ. ކުލާސް ނިމުނު ގަޑީ އަހަރެން ގާތު އޭނާ އެވާހަކަ ދެއްކިއެވެ.

"ހިޔެއްނުކުރަން އެކަހަލަ މީހަކަށް ސަރ ވާނެއޭ... ހާދަ ކާފަރު ވައްތަރަކަށޭ ލިވީއަށް ބަލަން ހުރީ. ސްޓޫޑަންޓަކަށް ދިމާއަށް އެފާޑަށް ބަލައިގެން ނުވާނެ ދޯ." އަރަޝްގެ ނަޒަރު އަހަންނާ ވަކިކޮށްނުލީތީ އެކަމާ ޝިއުނާ ފާޑުކިޔެވެ. ނަމަވެސް އަހަރެން އެކަން އެނގޭކަމަކަށް ނުހަދަމައެވެ. ހިތާ ސިކުނޑީގައި ފުރަތަމަ ފަހަރަށް ނުބައި ޚިޔާލެއް އުފެދިގަތީ އެދުވަހުއެވެ. ހަވާނަފްސުގެ އެދުންތަކަށް އަރަޝް އަހަރެން ހޭލައްވާލައިފިކަން ގައިމެވެ. އަރަޝްއާ ގާތުގައިވުމަށް އަހަރެންނަށް ހިތާހިތާ އެދެވެންފެށީއެވެ. ޝައިތާނާގެ ވަސްވާހުގައި ޖެހި އަހަރެންގެ ހަށިގަނޑު އަލިފާނަށް އެއްލާލުމަށް ދޫކޮށްލެވުނީ ހަވާނަފްސަށް ހެއްލެވުނުލެއް ބޮޑުކަމުންނެވެ.

"ލިވީ، ގެއަށް ދިއުމުގެ ކުރިން ސްޓާފް ރޫމަށް އަންނައްޗޭ، އެބައޮތް ހަވާލުކުރަންޖެހޭ ކަރުދާހެއް، ހަނދާންނައްތާ ނުލާ ކޮންމެވެސް އަންނައްޗޭ" އަރަޝް މިހެން ބުނިއިރު އޭނާގެ އަޑުގައި ކުރިން ނުހުންނަ ގޮތެއް ހުރިކަން އަހަންނަށް ފާހަގަކުރެވުނެވެ. ބައެއް ކުދީންނާއެކީ އޭނާ ވެސް ކުލާހުން ނުކުމެގެންދިޔައެވެ. އަހަރެންގެ ގާތުގައި ހުރި ޝިއުނާ އެއްޗެއް ނުބުނިކަމުގައި ވިޔަސް ފާޑަކަށް އޭނާއަށް ބަލާލިތަން ދުށީމެވެ.

"ޓީޗަރެއްކަމަކު އެކަހަލަ މީހުންނަށް ވަރަށް ސަމާލުވާންޖެހޭނެ. އޭނާގެ ނިޔަތް ރަނގަޅެއްނޫން. ބަންދު ދުވަސްތަކުގައި ސްޓާފްރޫމް ކައިރި އޮންނާނީ ފަޅަށް. ލިވީ އެކަނި ދާކަށް މަށަކަށް ނުފެނޭ." ޝިއުނާ ނިކަން ސިއްރުސިއްރުން ބުނެލިއެވެ.

ނުނިމޭ