ދުނިޔެ

މިސް ޔުނިވާސްއަކީ ކޮލަމްބިއާގެ ރީތީގެ ރާނީ

އެމެރިކާގެ މައިއާމީގައި އިއްޔެ ނިމިގެންދިޔަ މިސް ޔުނިވާސް މުބާރާތުގެ ފައިނަލުގައި އެމެރިކާގެ ރީތީގެ ރާނީ ނިއާ ސަންޗޭޒް ބަލިކޮށް ކޮލަމްބިއާގެ ރީތީގެ ރާނީ ޕައުލީނާ ވެގާ މި މުބާރާތުގެ ޝަރަފްވެރި ތާޖު ކާމިޔާބުކޮށްފި އެވެ.

އުމުރުން 21 އަހަރުގެ ޕައުލީނާ އަކީ ކޮލަމްބިއާގެ މަޝްހޫރު އާއިލާއަކަށް ނިސްބަތްވާ ފަރާތެކެވެ. އޭނާ އަކީ އެގައުމުގެ ލެޖެންޑްރީ ލަވަކިޔުންތެރިޔާ ގަސްޓޮން ވެގާގެ ކާފަ ދަރިއެކެވެ.

މުބާރާތުގެ ތާޖު ކާމިޔާބުކުރުމަށް ފަހު އެސޯސިއޭޓެޑް ޕްރެސް އަށް ދިން އިންޓަވިއުއެއްގައި ޕައުލީނާ ބުނެފައި ވަނީ މިފަދަ އިތުރު މުބާރާތެއްގައި ވާދަކުރަން ދެން ގަސްދުނުކުރާ ކަމަށެވެ. އޭނާ ބުނީ ދެން ބޭނުން ވަނީ ކިޔެވުމާއިގެން ކުރިއަށް ދާން ކަމަށެވެ.

ކޮލަމްބިއާގެ ބެރަންކީލާ އަށް ނިސްބަތްވާ ޕައުލީނާ އަކީ ވިޔަފާރީގެ ދާއިރާ އިން ކިޔަވަމުން އަންނަ ދަރިވަރެކެވެ.

އޭނާ "މިސް ޔުނިވާސް" ގެ ތާޖު ގެންދިޔަ މި މުބާރާތުގައި 88 ގައުމެއްގެ ރީތީގެ ރަނިން ބައިވެރިވި އެވެ. އެމެރިކާގެ ރީތީގެ ރާނީ އަށް މިފަހަރު ވެސް ނާކާމިޔާބީއާ ކުރިމަތިވިއިރު މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ވާދަކޮށްގެން ވެސް ތާޖު ލިބޭ ގޮތެއް ނުވެ ކަޓައިގެން ދިޔައީ އެވެ.

ޕައުލީނާ ވެގާ އަކީ ކޮލަމްބިއާ އަށް ނިސްބަތްވާ ރީތީގެ ރަނިންގެ ތެރެއިން މި މުބާރާތް ކާމިޔާބުކުރި ދެ ވަނަ ފަރާތެވެ. މީގެ ކުރިން ކޮލަމްބިއާ އަށް މި މުބާރާތުގެ ތާޖު ލިބިފައި ވަނީ 1958 ވަނަ އަހަރު އެވެ.

"މިސް ޔުނިވާސް" ގެ ތާޖު ޕައުލީނާގެ ބޮލުގައި އަޅުވައި ދިނީ މިދިޔަ އަހަރު މި މުބާރާތް ކާމިޔާބުކޮށް، މިސް ޔުނިވާސްގެ ގޮތުގައި ހުރި ވެނެޒުއޭލާގެ ރީތީގެ ރާނީ، ގެބްރިއޭލާ އިސްލާ އެވެ.

ނިމިގެން މި ދިޔައީ މިސް ޔުނިވާސްގެ 63 ވަނަ މުބާރާތެވެ.