ޔަހޫދީން އިސްތިއުމާރުކޮށްފައި އޮންނަ އިރުމަތީ ގުދުސްގައި ހުންނަ އަލްޖަޒީރާގެ ލޯކަލް ބިއުރޯ ބަންދުކުރަން ޔަހޫދީ ކޮމިއުނިކޭޝަން މިނިސްޓަރު މަސައްކަތް ފައްޓަވައިފި އެވެ.
އަލްޖަޒީރާ ގުދުސް އޮފީސް ބަންދުކުރަން ޖެހޭ ސަބަބެއް ކަމަށް ޔަހޫދީ ވަޒީރު ވިދާޅުވީ އަލްޖަޒީރާގެ ސަބަބުން ޔަހޫދީންގެ އަސްކަރީ ރޭވުންތައް ބޭޒާރުވާތީ ކަމަށެވެ. އަދި އެއީ ހަމާސް އަށް ތާއީދުކުރާ ނޫސް އޭޖެންސީއެއް ކަމަށްވެސް ވިދާޅުވި އެވެ.
ޔަހޫދީ ސަރުކާރަށް ލަފާދެއްވާ ސެކިއުރިޓީ މާހިރުންނާ ހަވާލާދެއްވައި ޔަހޫދީ ކޮމިއުނިކޭޝަން ވަޒީރު ވިދާޅުވީ އަލްޖަޒީރާއަށް ބޭނުން ގޮތަކަށް ހަބަރު ފަތުރަން ހުއްދަދީފިނަމަ އެކަމުގައި އެންމެ ބޮޑު ފައިދާއެއް އޮތް ބަޔަކީ ހަމާސް ކަމަށެވެ.
އަލްޖަޒީރާ ބަންދުކުރުމާ މެދު ގޮތެއް ނިންމުމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެއަށްފަހު ޔަހޫދީ ކެބިނެޓަށް ކަރުދާހެއް ހުށަހަޅައި، އަލްޖަޒީރާ ބޭރުކުރުމަކީ ގައުމީ މަސްލަހަތަށްޓަކައި ކުރަންޖެހޭ ކަމެއް ކަމުގައި ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން އަލްޖަޒީރާގެ އޮފިޝަލަކުވެސް ގަތަރުގައި ހުންނަ އަލްޖަޒީރާގެ މައި އޮފީހުންވެސް އަދި ވަކިއެކައްޗެއް ބުނެފައެއް ނުވެ އެވެ.
ޔަހޫދީ އޮފިޝަލުން ބުނާ ގޮތުން އަލްޖަޒީރާއާއި ހަމާސްގެ ހަނގުރާމަވެރިންނާ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ.
ހަމާސްގެ ތަރުޖަމާން ދައްކާ ވާހަކަތައް އަލްޖަޒީރާއިން ގެނެސްދެނީ ގާތް ގުޅުމެއް އޮންނާތީ ކަމަށްވެސް ޔަހޫދީ ވެރިން ބުނެ އެވެ.
އަލްޖަޒީރާ އަކީ ގުދުސްގައި ހުޅުވާފައި ބަހައްޓާ ވަރުގެ ނޫސް އެޖެންސީއެއް ނޫން ކަމަށާއި އެމީހުންގެ ސަބަބުން އިތުރުވަނީ ފިތުނަ ކަމަށްވެސް ޔަހޫދީ ސަލާމަތާ ބެހޭ އޮފިސަރުން ވިދާޅުވި އެވެ.
ޔަހޫދީ ކޮމިއުނިކޭޝަން މިނިސްޓަރު ވިދާޅުވި ގޮތުގައި އަލްޖަޒިރާ ބޭރުކުރުމާ މެދު މިއަދު ގޮތެއް ނިންމަވާނެ އެވެ. އެ މީހުންގެ ކިބައިން ސަލާމަތްވެފައި ނޫނީ ހުއްޓައި ނުލައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.