ރާއްޖެ އަކީ ލެޕްރަސީ ނުވަތަ ޖުޒާމް ބަލި ނެތް ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ޝަރުތުތައް ފުރިހަމަކޮށްފި އެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ރާއްޖެ އަކީ ލެޕްރަސީ ނެތް ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ލެޕްރަސީ ނެތް ގައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާނަލް އަދި އެކްސްޓާނަލް ވެރިފިކޭޝަންގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިއުއެޗްއޯގެ އެހީގައި އެކުލަވާލާފައިވާ "ޒީރޯ ލެޕްރަސީ ފްރޭމްވޯކް"ގައި ހިމަނާފައިވާ ގިނަ ލަނޑުދަނޑިތަކެއް މަދުވެގެން ރާއްޖެގެ 100 ރަށަކުން ހާސިލްކޮށްފައިވާ ކަމަށެވެ.
މި މަސައްކަތްތައް ކުރިއަށް ގެންދެވުނު ގޮތާއި ވެރިފިކޭޝަން މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު ކަންކަމާއި "ޒީރޯ ލެޕްރަސީ ފްރޭމްވޯކް"ގެ ލަނޑުދަނޑިތައް ހާސިލްކުރެވުނު މިންވަރާ ގުޅޭގޮތުން ޑަބްލިއުއެޗްއޯގެ ފަންނީ މާހިރުންނާ އެކު އިއްޔެ ރާއްޖޭގައި ބޭއްވެވި ބައްދަލުވުމެއްގައި ވަނީ މަޝްވަރާތަކެއްވެސް ކުރައްވާފަ އެވެ. މިބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ މާހިރުން ވަނީ މަސައްކަތުގައި ދެން ކުރިއަށް ދާނެ ގޮތާއި ކުރަންވީ މަސައްކަތްތަކާއި ގުޅޭގޮތުން ލަފާތަކެއްވެސް ދެއްވާފަ އެވެ.
ރާއްޖެއަކީ ލެޕްރަސީ ނެތް ގައުމެއް ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ އިންޓާނަލް އަދި އެކްސްޓާނަލް ވެރިފިކޭޝަނަށްފަހު ރާއްޖޭގެ 178 ރަށެއް ވަނީ ލެޕްރަސީ ނެތް ރަށްތަކެއްގެ ގޮތުގައި ޝަރުތު ހަމަވެފަ އެވެ.
ލެޕްރަސީ ނެތް ރަށްތައް ކަނޑައެޅުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި ލެޕްރަސީ ބަލި ދެނެގަތުމާއި، ބައްޔަށް އާއްމުން ސްކްރީން ކުރުމާއި، ލެޕްރަސީއަށް ދޭން ޖެހޭ ފަރުވާތައް އަދި ބައްޔާ މެދު ދެކޭގޮތް ބަދަލުކުރުމަށް ސިއްހީ ހިދުމަތްތެރިން ތަމްރީންކޮށްފައިވެ އެވެ. މި މަސައްކަތްތައް ކުރިއަށް ގެންދެވިފައިވާ މިންވަރު ބެލުމަށް އިންޓާނަލް ވެރިފިކޭޝަން އެސެސްމެންޓް އަދި ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ ޓީމަކުން އެކްސްޓާނަލް ވެރިފިކޭޝަން އެސެސްމަންޓްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ލެޕްރަސީ ބައްޔަކީ ކުރީގައި ރާއްޖޭގެ ގިނަ ބަޔަކު ތަހައްމަލު ކުރި ބައްޔެކެވެ. ނަމަވެސް 1982 ވަނަ އަހަރު ރާއްޖޭގައި ލެޕްރަސީ ބައްޔަށް ބޭސް ތައާރަފްކޮށް ރަގަޅު އިންތިޒާމެއްގެ ދަށުން ފަރުވާ ދެވެން ފެށުމާ އެކު ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްކުރެވިފަ އެވެ. މިއާއެކު 1997 ވަނަ އަހަރު ލެޕްރަސީ އަކީ ދިވެހިރާއްޖޭގެ އާންމު ސިއްހަތަށް އޮތް ނުރައްކަލެއް ނޫން ކަމުގައި ޑަބްލިއުއެޗްއޯ އިން ވަނީ ކަނޑައަޅާފަ އެވެ. އަދި އޭގެފަހުން ދިވެހި ސަރުކާރުން ވަނީ ރާއްޖެއިން ލެޕްރަސީ ނައްތާލުމުގެ މަސައްކަތް ގައުމީ ފެންވަރުގައި ފަށާފަ އެވެ.