ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ކުރާ ޖިނާއީ ދައުވާއާ ގުޅިގެން އެމަނިކުފާނުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ދޮޅު މަސް ދުވަހަށް ފަސްކޮށް ދިނުމަށް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި މިއަދު އެދިއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ބަލަމުން އަންނަ ހުޅުމާލޭ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދައި، ނަޝީދުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް އަންނަ ބުދަ ދުވަހު ބާއްވަން އެ ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ. އެ ޝަރީއަތް އެ ކޯޓުން ތާވަލްކުރީ 2013 ގައި އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވި ފަހުން އިތުރު އަޑުއެހުމެއް ނުބާއްވާތާ ދޮޅު އަހަރުވުމަށް ފަހު އެވެ.
ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލް ހަސަން ލަތީފް ސޮއި ކުރައްވާ މިއަދު ހައި ކޯޓަށް ފޮނުވި ސިޓީގައި އެދިފައިވަނީ އަންނަ ބުދަ ދުވަހު ބާއްވަން އޮތް އެ އަޑުއެހުން ދޮޅު މަސް ދުވަހަށް ފަހު ބާއްވައި ދިނުމަށެވެ. އެ ސިޓީގައި ބުނެފައިވަނީ އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވެފައިވުމުން ފަނޑިޔާރުންނާއި ގާނޫނުތަކަށާއި ޝަރުއީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާއިރު ނަޝީދުގެ ފަރާތުން އިތުރަށް ވާހަކަ ދެއްކުމުގެ ކުރިން އިތުރު ދިރާސާތަކެއް ކުރަން ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން އެ ޝަރީއަތް ލަސްވާތީ އެ މައްސަލަ އަވަސްކޮށް ދިނުމަށް ނަޝީދުގެ ފަރާތުން ތަކުރާރުކޮށް މީގެކުރިން އެދުނު ނަމަވެސް އަޑުއެހުންތައް ނުބާއްވައި، އެހާ ގިނަ ދުވަސްތަކެއް ވެގެން ގޮސްފައިވާތީ އެ މައްސަލައިގެ އަދުލުވެރި ނިޔާއެއް ނަޝީދަށް ލިބިވަޑައިގަތުމުގެ ފުރުސަތު މިހާރު ހަނިވެފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
އަންނަ ބުދަ ދުވަހު ބާއްވަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް ނަމަވެސް އިބްތިދާއީ އަޑުއެހުން ބޭއްވޭނީ ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމުގެ ކުރިން ކަމަށް ހައި ކޯޓުގެ ގަވާއިދުގައި ބުނެފައިވާ ކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައި ވަނިކޮށް އަންނަ ބުދަ ދުވަހު އިބްތިދާއީ އަޑުއެހުމެއް ބާއްވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެ ސިޓީގައި ނަޝީދުގެ ވަކީލުގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ. އެހެންވެ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސް ދިނުމަށް ކުރީގެ ޔޫތް މިނިސްޓަރު ހަސަން ލަތީފް ސޮއި ކުރައްވައި، ފޮނުވާފައިވާ އެ ސިޓީގައިވެ އެވެ.
ހައި ކޯޓުގައި އެ މައްސަލަ ނުނިމި އޮއްވާ ހުޅުމާލޭ ކޯޓުގެ ބެންޗުގައި ހިމެނޭ ދެ ފަނޑިޔާރަކު މާލޭގެ ދެ ކޯޓަކަށް ބަދަލު ކުރުމާ ގުޅިގެން އެ ބެންޗު މިހާރު ވަނީ އުވިފަ އެވެ. އެ މައްސަލަ ހައި ކޯޓުގައި އޮތުމުން ހުޅުމާލޭ ކޯޓުގައި އޮތް ނަޝީދުގެ ޝަރީއަތް ކުރިއަށް ނުގެންދަން ހައި ކޯޓުން ކުރިން އޮތީ އަމުރު ނެރެފަ އެވެ.