ޖަޕާން ސަރުކާރުގެ އެހީގައި ޔޫއެންއޯޑީސީގެ ފަރާތުން ދިވެހި ފުލުހުންގެ ހިދުމަތަށް ޑްރަގް އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓް ހަދިޔާކޮށްފި އެވެ.
އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިޔާތެއްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އެވެ. ޖަޕާން ސަރުކާރުގެ ފަރާތުން މިތަކެތި ހަވާލުކޮށްދެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިދޮރީ އެވެ.
ޖަޕާން ސަރުކާރުގެ އެހީގައި ހަދިޔާކުރި ޑްރަގު އަދި ޕްރިކަރސަރ ފީލްޑް ޓެސްޓް ކިޓުތަކަކީ މަސްތުވާތަކެތި ދެނެގަތުމަށްޓަކައި ބޭނުންވާ ރިއެޖަންޓް ޓޫލްސް ހިމެނިގެންވާ ވޯޓަ ރެސިސްޓަންޓް ކިޓްތަކެކެވެ. މިއީ ފުރަތަމަ މަރުހަލާ އިން މަސްތުވާތަކެތި ދެނެގަތުމަށްޓަކައި އެހީތެރިވެދޭނެ ކިޓްތަކެކެވެ. މި ކިޓުތަކުގެ އެހީގައި މަސްތުވާތަކެތީގެ ބާވަތްތަކާއި އެކުލެވިގެންވާ މާއްދާތައް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ދެނެގަނެވޭނެ އެވެ.
މި ޓެސްޓް ކިޓުތަކުގެ ސަބަބުން ފްރޮންޓްލައިން އޮފިސަރުންގެ މަސައްކަތްތައް ފަސޭހަވެގެން ދިއުމާއި ފީލްޑް އޮފިސަރުންނަށް ކްރައިމް ސީންގައި ހުންނަ ޝައްކުކުރެވޭ ތަކެތި ފަސޭހަކަމާއެކު ދެނެގަނެވޭނެ ކަމަށް ފުލުހުން ބުނެ އެވެ.