ޑރ. މުހައްމަދު މުއިއްޒު

ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރާނަން: މުއިއްޒު

ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓް ހަރުކުރަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ފައިސާ ހިމަނާފައިވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ މިއަދު ހަވީރު ބައްދަލުކުރެއްވުމަށްފަހު އެވެ.

ވާރޭވެހެމުން ދަނިކޮށް އެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެމަނިކުފާނު ފައިސާ ހިމަނަން ބޭނުންވާ ކަންކަމުގައި ފައިސާ ހިމެނުމަށް މިސަރުކާރުން ފުރުސަތު ދެއްވުމާ ގުޅިގެން ހިޔާގެ ކޮންމެ ފްލެޓެއްގައި އިތުރު ދެ ލިފްޓް ހަރުކުރުމަށް ފައިސާ ހިމަނާފައިވާ ކަމަށެވެ.

"މީގެތެރޭގައި ސްޓްރެޗަ ނުވަތަ ބަލިމީހުން އުފުލޭ ގޮތަށް ހުންނަ ލިފްޓަކާއި އެއް ފަހަރާ 14 މީހުންނަށް ބޭނުންކުރެވޭނެ ލިފްޓް ހަރުކުރެވޭނެ. އަޅުގަނޑު މިވައުދު ތަންފީޒު ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ލިފްޓް ހަރުކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މީގެއިތުރުން މުއިއްޒު ވަނީ ހިޔާ ފްލެޓްތަކުގެ އިންޓީރިއާ މަސައްކަތްތައް ނިންމުމަށް އެތަންތަނުގެ ވެރިން ކޮށްފައިވާ ހަރަދުތައް ދިނުމަށްވެސް ވައުދުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިޔާގެ 16 ޓަވަރު ހެދިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ ޑރ. މުއިއްޒު އެވެ. ހިޔާގެ ކޮންމެ ޓަވަރެއްގައި މިހާރު ހުންނަނީ ތިން ލިފްޓެވެ. ބާރުބޮޑު ވަގުތުތަކުގައި ލިފްޓްތައް ފުރި އެތައް އިރަކު ކިއުގައި ހުންނަން ޖެހުމަކީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.