ދުނިޔޭގައި ހިނގާ ހަނގުރާމަތަކުން އެމެރިކާ ފައިދާ ހޯދަނީ ކުރުދޮށީގައި ކަމަށް ރަޝިއާ ހާރިޖީ ވުޒާރާގެ ތަރުޖަމާން މާރިއާ ޒަޚަރޯފާ ވިދާޅުވެއްޖެ އެވެ.
އެމެރިކާއަށް ހަނގުރާމަތަކުން އެހާ ބޮޑު ފައިދާއެއް ހެދެނީ އެމެރިކާގެ ފަސްގަނޑުގައި ހަނގުރާމަ ނުހިނގާތީ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
މާރިއާ ޒަޚަރޯފޯ މިމޭރުމުން ވާހަކަދެއްކެވި ސަބަބަކީ ޔަހޫދީންނާއި ފަލަސްތީންއާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމާގައި -- ޔަހޫދީންނަށް ބޭނުންވާ ހަތިޔާރަށް ފައިސާ ހޯދުމަށް ގާނޫނު ހަދާ މަޖިލީހުގައި އެމެރިކާގެ ރައީސްގެ ފަރާތުން އެދުމާ ގުޅިގެންނެވެ.
ތަރުޖަމާން ވިދާޅުވި ގޮތުގައި އެމެރިކާގެ ބައިވެރިވުމެއް ނުވަތަ ހިއްސާއެއް އޮވެގެން ދުނިޔޭގައި ކުރާ ކޮންމެ ހަނގުރާމައެއް ކުރަނީ މިނިވަންކަމާއި ޑިމޮކްރަސީގެ ހިމާޔަތުގައެވެ. އެކަމަކު އެއީ ހަމައެކަނި އެ މީހުން ބުނާ ބުނުމެއް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
އެމެރިކާ އަކީ ދުވަހަކު ވެސް އަމަލާއި ބަސް ދިމާވާ ބައެއް ނޫނެވެ. އަހްލާގީ ގޮތުން ވަރަށް ހެޔޮލަފާ ބައެއް ގޮތުގައި ފޮރުވި ތިބެ ދުވަހަކުވެސް އެއިން ކަމެއް އަމަލީ ގޮތުން ދައްކާ ބައެއް ނޫން ކަމަށްވެސް މާރިއާ ޒަޚަރޯފާ ވިދާޅުވި އެވެ.
އެމެރިކާއަށް މާސްމާޓް ބަޔަކަށް ވެވިގެން އުޅެނީ އެމެރިކާ އަކީ ސުޕާޕަވަރު ކަމަށް ގަބޫލުކުރާ ބަޔަކު ދުނިޔެގައި އުޅޭތީ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔެ މިހާރު އޮތީ ބާރުތައް ބެހެވި -- އެކި ބާރުތައް އެކި ދިމާގައި ކަމަށެވެ.
މާރިއާ ވިދާޅުވީ އެމެރިކާ އަކީ ރައްޓެއްސެއް އެކުވެރިއެއް ބޭނުންވާ ބައެއް ނޫން ކަމަށެވެ. އެ މީހުންނަކީ މުޅިން ވެސް ވިޔަފާރިކުރާ ބައެއް ކަމަށްވެސް ވިދާޅުވި އެވެ.
ވިޔަފާރި ނިމުމުން ކެޔޮގަނޑު ކަނޑާލީމާ ގަހަށްވާ ގޮތް ވީކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ރިޔާސަތު -- އޮވަލް އޮފީހުގައި ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވި ގޮތުން 100 ބިލިއަން ޑޮލަރުގެ ބަޖެޓެއް ފާސްކުރުމަށް ގާނޫނު ހަދާ މަޖިލީހަށް ވަަރަށް އަވަހަށް ފޮނުވާނެ އެވެ. އެއީ ޔުކްރޭނަށާއި ޔަހޫދީ ދައުލަަތަށް އެހީވުމަށް އެމެރިކާ ސަރުކާރަށް ބޭނުންވާ ފައިސާ އެވެ.