ބޭރު ކުޅިވަރު

އިންގްލެންޑްގެ ލެޖެންޑް ބޮބީ ޗާލްޓަން މަރުވެއްޖެ

އިނގިރޭސިވިލާތުގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ ބޮބީ ޗާލްޓަން މަރުވެއްޖެ އެވެ.

އުމުރުން 86 އަހަރުގައި ބޮބީ ޗާލްޓަން އިއްޔެ މަރުވިއިރު އޭނާ ގެންދިޔައީ ހަނދާން ނެތޭ ބަލި -- ޑެމެންޓިއާއަށް މިދިޔަ ތިން އަހަރު ފަރުވާ ކުރަމުންނެވެ.

އިނގިރޭސިވިލާތުގައި 17 އަހަރުގެ ކެރިއަރެއް ނިންމާލިއިރު ތިން ލީގު ތަށި މީގެ ތެރޭގައި އެފްއޭ ކަޕަކާއި ޔޫރަޕިއަން ކަޕްވެސް ބޮބީ ވަނީ ކާމިޔާބު ހޯދާފަ އެވެ.

ބޮބީ ޗާލްޓަން ތްރީ ލަޔަންސަށް ކުޅެދިން 106 މެޗުގައި 49 ގޯލް ކާމިޔާބުކޮށްފައިވެ އެވެ. އޭނާ އަކީ 2015 ވަނަ އަހަރާ ހަމައަށް އިނގިރޭސިވިލާތުގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލް ޖެހުމުގެ ރެކޯޑް ވެސް އޮތް ކުޅުންތެރިޔާ އެވެ.

"އަހަންނަށް ބޮބީ އަކީ އިނގިރޭސިވިލާތުގައި މިހާތަނަށް ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ،" އިންގްލެންޑްގެ ކުރީގެ ފޯވާޑް ގޭރީ ލައިނޭކަ ބުންޏެވެ.

ބޮބީ ދުނިޔެ އާއި ވަކިވެގެން ދިއުމަކީ ފުޓުބޯޅައިގެ ދުނިޔެއަށް ލިބިގެން ދިޔަ ބޮޑު ގެއްލުމެއް ކަމަށް ބުނެ އިނގިރޭސި ފުޓްބޯޅައަށް ތާއީދުކުރާ މީހުން ގެންދަނީ ހިތާމަފާޅުކުރަމުންނެވެ.