ބާ ކައުންސިލް

ދެވަނަ ބާ އިމްތިހާންގައި 149 ކެންޑިޑޭޓުން ބައިވެރިވެއްޖެ

ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމު ކުރި ދެވަނަ ބާ އިމްތިހާންގައި 149 ކެންޑިޑޭޓުން ބައިވެރިވެއްޖެ އެެވެ.

މާލެ އާއި އައްޑޫ ސިޓީގައި އިއްޔެ ކުރިއަށް ގެންދިޔަ ބާ އިމްތިހާންގައި ބައިވެރިވުމަށް 150 ކެންޑިޑޭޓުން ރަޖިސްޓްރީ ކުރި ނަމަވެސް އެއް ކެންޑިޑޭޓަކު އިމްތިހާންގައި ބައިވެރިވެފައެއް ނުވެ އެވެ. ޞިއްޙީ މައްސަލަތައް ރިޕޯޓުކޮށްފައިވާ ދެ ކެންޑިޑޭޓަކަށް މި އިމްތިހާންގައި ސްޕެޝަލް އެކޮމޮޑޭޝަންސް ވަނީ ހަމަޖައްސައި ދީފަ އެވެ.

މިއަހަރުގެ އިމްތިހާން ފަރުމާކޮށްފައިވަނީ ދިވެހިރާއްޖޭގެ ބާ ކައުންސިލް އަދި އިނގިރޭސިވިލާތުގެ ސޮލިސިޓާސް އިމްތިހާން ފަރުމާކުރާ ކެޕްލާން ފައިނޭންޝަލް ލިމިޓެޑް ގުޅިގެންނެވެ.

މި އިމްތިހާނަކީ ދިވެހިރާއްޖޭގައި ގާނޫނީ ހިދުމަތް ދިނުމަށް ބޭނުންވާ އެންމެ އަސާސީ ގާނޫނީ އިލްމާއި ހުނަރު -- ނޮލެޖް އެންޑް ސްކިލްސް އަލަށް ނުކުންނަ ގާނޫނީ ވަކީލުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުމަށާއި ފެންވަރު ވަޒަންކުރުމަށް ދެވޭ، ގާނޫނީ ދާއިރާއާ ގުޅުމަށް ބޭނުންވާ "މިނިމަމް ބެންޗްމާކް' ކަނޑައަޅާ އިމްތިހާނެވެ.

މިއަހަރުގެ ބާ އިމްތިހާނަކީ އިނގިރޭސި އަދި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ 120 "މަލްޓިޕްލް-ޗޮއިސް" ސުވާލުގެ އިމްތިހާނެކެވެ.

މި އިމްތިހާންގެ ސުވާލުތައް އަމާޒުކޮށްފައިވަނީ މައިގަނޑު ހަ ދާއިރާ އަކަށެވެ. އެއީ ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖަ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ އަދި މޯލްޑިވިއަން ލީގަލް ސިސްޓަމް އެވެ.

ބާ އިމްތިހާންގެ ސިލަބަސް އެކުލަވާލަނީ ދިވެހިރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ގާނޫނީ ވަކީލުންނާއި، ގާނޫނީ ތައުލީމު އުނގަންނައިދޭ ބޭފުޅުންނާއި އަދި ފަނޑިޔާރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ބާ އިމްތިހާންގެ "ކޮމިޓީ އޮފް އެކްސްޕާޓްސް' އެވެ.

ބާ ކައުންސިލުން ބުނީ މިދިޔަ އަހަރާއި މިއަހަރުގެ ބާ އިމްތިހާންގައި ބައިވެރިން އިމްތިހާން ކުރީ ހަ ދާއިރާއަކުން ކަމަށްވީ ނަމަވެސް 2024 އިން ފެށިގެން އިމްތިހާން ކުރެވޭ ދާއިރާތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ އިމްތިހާން އޮންނާނީ 2020 ގައި ޝާއިއު ކުރި ދިވެހިރާއްޖޭގެ ފުރަތަމަ "ލީގަލް އެޑިޔުކޭޝަން މިނިމަމް ސްޓެންޑަޑްސް"އާ އެއްގޮތަށް ކަމަށްވެސް ބާ ކައުންސިލް އިން ބުނެ އެވެ.


އަހަރަކު އެއްފަހަރު އިންތިޒާމުކުރާ ބާ އިމްތިހާނަކީ ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ގާނޫނީ ވަކީލަކަށް ވުމަށް ކަނޑައަޅާފައިވާ ދެ އަސާސީ ޝަރުތުގެ ތެރޭގައި ހިމެނޭ ޝަރުތެކެވެ. ލޯ ޑިގްރީއެއް ހާސިލުކުރުމަށްފަހު ލައިސަންސިން ޓްރެއިނިން ޕްރޮގްރާމަށް ފެށުމުގެ ކުރިން މެދުތެރެއިން އަދި ނިންމުމަށްފަހުވެސް ބާ އިމްތިހާންގައި ބައިވެރިވެވޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.

މިއަހަރުގެ ބާ އިމްތިހާން އިންތިޒާމުކޮށްފައިވަނީ ދިވެހި ސަރުކާރާއި، ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޯ އިންޓަނޭޝަނަލް އެއިޑް (ޔޫއެސްއޭއައިޑީ) އަދި އެމެރިކަން ބާ އެސޯސިއޭޝަން (އޭބީއޭ)ގެ އެހީތެރިކަމާ އެކު އެވެ.