ހަބަރު

އާ ޕާސްޕޯޓުގެ ކުރެހުން ވަކި މީހަކާ ވައްތަރެއް ނުކުރަން: އިމިގްރޭޝަން

ދިވެހި އާ ޕާސްޕޯޓްގެ ކުރެހުން ވަކި މީހަކާ ވައްތަރު ކޮށްފައި ނުވާނެ ކަމަށާއި ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކަކީ އެޑިޓުކޮށްފައިވާ ފޮޓޯތަކެއް ކަމަށް އިމިގްރޭޝަން އިން ބުނެފި އެވެ.

އިމިގްރޭޝަން އިން މިހެން ބުނީ އަލަށް އުފެއްދި ޕާސްޕޯޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޮއަކާއި އެއްގޮތް ކަމަށް ބުނެ ރާއްޖެ އެމްވީ އިން ހަބަރު ފަތުރާފައި ވަނިކޮށެވެ. ރާއްޖެ އެމްވީ ފެތުރި ހަބަރުގައި ރައީސް ނަޝީދާ އެއްގޮތް ފޮޓޯއެއްގެ ހިޔަނި ޕާސްޕޯޓްގައި ކުރަހާފައި ހުރެ އެވެ.

އެކަމާއި ގުޅިގެން އިމިގްރޭޝަން އިން މިއަދު ނެރުން ބަޔާނުގައި ބުނެފައި ވަނީ ޕާސްޕޯޓުގައި ހިމެނޭ އެއްވެސް ކުރެހުމަކީ ވަކި ފަރާތަކާއި ވައްތަރު ކުރުވައިގެން ކުރަހާފައިވާ އެއްޗެއް ނޫން ކަމަށެވެ. ރާއްޖެ އެމްވީ އިން ރިޕޯޓުކޮށްފައިވަނީ ޕާސްޕޯޓުގެ ސަފްހާތަކަށް އަމިއްލަ ކުރެހުންތައް ނަކަލްކޮށްގެން ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އަދި ދިވެހި އާ ޕާސްޕޯޓުގައި ވަނީ ޕާސްޕޯޓު ޑިޒައިން ކުރި ފަރާތުގެ އަމިއްލަ ކުރެހުމެއް ކަމަށް ކުރެހުންތެރިޔާ އިމިގްރޭޝަނަށް ކަށަވަރުކޮށް ދީފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެއެވެ.

"މިބާވަތުގެ ކަން ކަން ކުރާނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ ރަސްމީ ފަރާތްތަކުން ދިވެހި ޕާސްޕޯޓަށް ތައުރީފު ކުރަމުންދާ ދިއުން ހުއްޓުވި އަދި ޕާސްޕޯޓުގެ ސެކިއުރިޓީ ފީޗާސް އާމެދު އިތުބާރު ގެއްލޭ ކަމަކަށް. މިކަންތަކަކީ ދަށުދަރަޖައިގެ އަދި ރައްޔިތުނަނަށް ގެއްލުން ދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ދެކެން،" އެބަޔާނުގައި ބުނެއެވެ.

އިމިގްރޭޝަން އިން ބުނީ ފޮޓޯގައިވާ ތަސްވީރުގެ އިނގިލިތަކާއި އަދި ފަޓުލޫނުގެ ބައިތަކަށް ބަދަލު ގެނެސް ޕާސްޕޯޓުގައިވާ ސޫރަ އާ ވައްތަރު ކުރުމަށް މަސައްކަތްކޮށްފައިވާ ކަން ފާހަގަވާ ކަމަށާއި އެގޮތުން ޕާސްޕޯޓުގައިވާ ހިޔަންޏާއި ފޮޓޯގައިވާ ފަރާތާއި ވައްތަރު ކުރުމުގެ ގޮތުން ފޮޓޯ އެޑިޓު ކުރުމުގެ ތެރޭގައި ގަމީހުގެ ޖީބު ވާތް ފަރާތުގައި ހުރުމުގެ ބަދަލުގައި ކަނާތުފަޅީގައި ހުރިކަން ފާހަގަ ކުރާ ކަމަށެވެ. އަދި އެހިޔަންޏާއި ވައްތަރު ކުރުމުގެ ގޮތުން ފޮޓޯގައި ހުރި މީހާގެ އިންގިލިތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ބައެއް އިންގިލި މަދުކަމަށް ފާހަގަވާ ކަމަށް ވެސް އެބަޔާނުގައި ބުނެ އެވެ.

"ވަގުތީ ފައިދާ ހޯދުމުގެ މަގުސަދުގައި މި އަމަލު ކުރަމުންދާ ފަރާތްތަކަށް އެގިގެން ނުވަތަ ނޭނގި ނަމަވެސް ފޮޓޯއަށް ގެނައި ބަދަލުގެ ސަބަބުން ފޮޓޯގައިވާ ފަރާތައްވެސް މަލާމަތް ރައްދުވެ އަދި ފޮޓޯގައިވާ ފަރާތުގެ އިނގިލިތަކަކީ ނުކުޅެދުންތެރިކަން ހުރި މީހެއްގެ އިނގިލި ގޮތުގައި ސިފަވޭ،" އެބަޔާނުގައި ބުނެ އެވެ.

އިމިގްރޭޝަން އިން ވަނީ މި އަމަލު ހަރުކަށި އިބާރާތުން ކުއްވެރިކޮށްފަ އެވެ. އަދި ޕާސްޕޯޓުގެ ސަފްހާތަކަށް ބަދަލު ގެނެސްގެން އަގުވައްޓާލުމަށް މަސައްކަތް ކުރާ ފަރާތަތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ އިދާރާ އިން ބުނެ އެވެ.