ހަމާސް

ހަމާސް އިން ރަހީނުކުރި ދެ މީހަކު ދޫކޮށްލައިފި

ފަލަސްތީންގެ މިނިވަންކަމަށްޓަކައި ޖިހާދުކުރަމުންދާ ހަމާސް ޖާމައަތުން ރަހީނުކޮށްފައިވާ އިޒްރޭލުގެ ދެ އަންހެނަކު ދޫކޮށްލައިފި އެވެ.

ހަމާސް އިން ބުނާ ގޮތުގައި މި ދެ އަންހެނުން ދޫކޮށްލީ އެމީހުންނަކީ އުމުރުން ދޮށީ މީހުންނަށްވާތީ އިންސާނިއްޔަތަކަށްޓަކައި ކަމަށެވެ.

މި ދެ މީހުން މިހާރު ވަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑް ކްރޮސް (އައިސީއާރްސީ)އާ ހަވާލުވެސްކޮށްފަ އެެވެ.

ހަމާސް އިން ރަހީންކުރި މީހުންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ދެ ރައްޔިތަކުވެސް މީގެ ކުރިން ވަނީ ދޫކޮށްލާފަ އެވެ.

މި ދެ މީހުން ދޫކޮށްލީ ގަތަރާއި މިސްރުން ހަމާސްގެ އިސްވެރިންނާ އެކު ބޭއްވި މަޝްވަރާތަކަކަށްފަހު އެވެ.

ހަމާސް އިން ބުނާ ގޮތުގައި އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން މަސައްކަތް ކުރަނީ ރަހީނުން ސަލާމަތްކުރުމުގެ ބަދަލުގައި ހަނގުރާމަކުރަން ކަމަށެވެ. އިޒްރޭލުން އެގޮތަށް ތިބި ނަމަ ހަމާސް އިން ވެސް ހަނގުރާމަ ކުރުމުގައި ދެމިތިބޭނެ ކަމަށްވެސް އެ ޖަމާއަތުން ބުނެ އެވެ.

ރަހީނުކޮށްފައިވާ މީހުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި 210 މީހުން ވަރު ތިބި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހަމާސް އިން މިމަހުގެ ހަތްވަނަ ދުވަހު ކުއްލި ގޮތަކަށް އިޒްރޭލަށް ހަމަލާދީ އެތައް ބަޔަކު މަރާލައި އެތައް ބަޔަކު ރަހީންކުރުމާ އެކު އެ ދުވަހުން ފެށިގެން އިޒްރޭލުން ގެންދަނީ ފަލަސްތީންގެ ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އިޒްރޭލުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 5،000 އިން މައްޗަށް އަރާފަ އެވެ.