ދިރާގު

ދިރާގު ރޯޑް ރޭސްގެ ބިބް އަދި ރޭސް ކިޓް ދޫކުރަނީ

މިއަހަރު ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް)ގެ ބިބް އަދި ރޭސް ކިޓް ދޫކުރަން ފަށައިފި އެވެ.

ޑީއެމްއާރްއާރްގެ ބިބް އެކްސްޕޯ ވަނީ މިދިޔަ ހޯމަ ދުވަހު ފަށާފަ އެވެ. ބިބް އެކްސްޕޯގައި ދުވުންތެރިންނަށް އެފަރާތްތަކުގެ ބިބް އަދި ރޭސް ކިޓް ހަވާލުކުރާނެ އެވެ.

ބިބް އަދި ރޭސް ކިޓް ދޫކުރަނީ އަމީނީ މަގުގައި ހުންނަ ދިރާގު ހެޑް އޮފީހުގެ އެއްވަނަ ފަންގިފިލާއިން މިއަދުގެ ނިޔަލަށެވެ.

ބިބް އަދި ރޭސް ކިޓް ދޫކުރާ ގަޑިތައް

  • މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00 އަށް
  • ރޭގަނޑު 8:00 އިން ރޭގަނޑު 10:00 އަށް

ކޮންމެ ރޭސް ކިޓެއްގައިވެސް ޓައިމިން ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓް، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނެ އެވެ. ރޭސް ކިޓް ނަގަންދާއިރު ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހެ އެވެ.

މިއަހަރުގެ ޑީއެމްއާރްއާރް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކް ގައެވެ.

ދިރާގުން ބުނީ 4000 އަށް ވުރެ ގިނަ ބައިވެރިންނާއެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން ފަސް ކިލޯމީޓަރު އަދި 10 ކިލޯމީޓަރަށް ދުވުންވެސް އޮންނާނެ އެވެ.