ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމުގެ މަޝްވަރާތައް ހިނގަމުންދާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބުލޫމްބާގް ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގަ އެވެ،
އިންތިހާބީ ރައީސް ވިދާޅުވީ ރާއްޖޭގައި އެއްވެސް ގައުމެއް ސިފައިން ތިބުމަކީ ރާއްޖޭގެ މިނިވަންކަމާ ދޭތެރޭ ސުވާލު އުފެދޭނެ ކަމެއް ކަމަށްވާތީ ބޭރުގެ ސިފައިން ތިބުމަކީ ދިވެހިން އެއްގޮތަކަށްވެސް އެދޭ ކަމެއް ނޫން ކަމަށެވެ.
"އިންޑިއާ ސިފައިން ބޭލުމަށް އިންޑިއާ ހައި ކޮމިޝަނާ އެކު ކުރިއަށްދާ މަޝްވަރާތައް އަދި ވަރަށް ކާމިޔާބު،" މުއިއްޒު ވިދާޅުވި އެވެ.
ޑރ. މުއިއްޒަކީ އިންޑިއާގެ ވާދަވެރިޔާ ޗައިނާއާ ގާތް ބޭފުޅެއް ކަމަށް ކުރެވޭ ތުހުމަތު ދޮގުކުރައްވާ މުއިއްޒު ވިދާޅުވީ އެމަނިކުފާނަކީ ހުރިހާ ގައުމަކާ އެކުވެސް އެއް ހަމައަކުން ގުޅުން ބާއްވާ ބޭނުންވާ ބޭފުޅެއް ކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ކޯޅުންތަކުގެ ތެރެއަށް ރާއްޖެ ނުވަންނާނެ ކަމުގައިވެސް ޔަގީންކަންވެސް ދެއްވެވި އެވެ.
ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންނާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންގެ މައްސަލަތައް މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ކަމަށް ފާހަަގަކުރައްވާ މުއިއްޒު ވިދާޅުވީ އެ މައްސަލަތައް ހައްލުކުރާނީ އިސްލާމްދީންގެ ސުލްހަވެރި ގޮތްތައް ބުނެދީގެން ކަމަށެވެ.
ފަލަސްތީންގެ މިނިވަން ދައުލަތެއް އޮތުމާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ ފަލަސްތީނާ އެކު ދިވެހިން އަބަދުވެސް ދެމިތިބޭނެ ރާއްޖެއިން ދޭން ޖެހޭ ހުރިހާ އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވާނެ ކަމަށެވެ.
ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ރާއްޖެއިން ބޭލުމަކީ ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.