މި ސީޒަނުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކެޕްޓަން ބޭންޑް އަޅާނީ މުހައްމަދު ރަޝީދު (ހޮކޭ) ކަމަށް ހަމަޖައްސައިފި އެވެ.
އޭނާ އަށް ކެޕްޓަންކަން ދީފައިވާއިރު ވައިސް ކެޕްޓަނުންނަކީ ރިލްވާން ވަހީދު (ކަކާރިލޭ) އާއި އަހުމަދު ނިޔާޒެވެ. މީގެ ތެއިން ކަކާރިލޭ އަކީ މިހާރު ނިއުގައި ހުރި އެންމެ ހުނަރުވެރި ކުޅުންތެރިޔާ އެވެ. އަދި ނިޔާ އަކީ މިދިޔަ އަހަރުގެ ސީޒަނުގެ މެދުތެރެއިން ވިކްޓަރީ އަށް ބަދަލުވުމަށްފަހު އަލުން އެނބުރި ނިއުއާ ގުޅިފައިވާ ކުޅުންތެރިއެކެވެ.
ދެ ވަނަ ޑިވިޝަނުގައި ކުޅެނިކޮށް މާޒިޔާގެ މިހާރުގެ ކޯޗު އަލީ ސުޒޭން ވިކްޓަރީ ގެނައި ހޮކޭ އަކީ މިހާރު ނިއުގައި ހުރި އެންމެ ސީނިއާ ކުޅުންތެރިޔާ އެވެ.
ނިއުގެ ކޯޗު ބަލްގޭރިޔާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފް ބުނީ ހޮކޭ އަކީ މިވަގުތު ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ކެޕްޓަންކަމަށް ވަރަށް އެކަށީގެންވާ ކުޅުންތެރިއެއް ކަމަށެވެ. އަދި ޕްރެކްޓިހުގައި ވެސް ހޮކެގެ ފަރާތުން ފެންނަ މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށެވެ.
މިދިޔަ އަހަރުގެ މެދަކާ ހަމައަށް ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް ކުޅުނު ހޮކޭ ވަނީ ނިއު އަށް ބަދަލު ވުމުގެ ކުރިން ވެލެންސިއާ އާއި މާޒިޔާ އަށް ވެސް ކުޅެފަ އެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ނިއު ކުޅޭ ފުރަތަމަ މެޗަކަށްވާނީ އޭއެފްސީ ކަޕުގައި ސިންގަޕޫރުގެ ބެލަސްޓިއާއާ ދެކޮޅަށް ކުޅޭ މެޗެވެ.