ޕީޕީއެމްގެ ނަމުގައި ޑީއެޗްއެލްގެ ލިންކަކާއެކު ސްޕޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ޕާޓީން އިލްތިމާސްކޮށްފި އެވެ.
ޕީޕީއެމުން ބުނީ އެ ޕާޓީގެ ނަމުގައި ޑީއެޗްއެލްގެ ލިންކާއެކު ފޮނުވަމުންދާ މެސެޖުތަކަކީ ސްޕޭމް މެސެޖްތަކެއް ކަމަށެވެ.
އެ މެސެޖުގައިވާ ލިންކަށް ނުވަނުމަށްވެސް އެ ޕާޓީން ވަނީ އެދިފަ އެވެ.
އެކި ކުންފުނިތަކާއި އިދާރާތަކާއި މުއައްސަސާތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ މީހުން ތަފާތު ގިނަ އުކުޅުތައް ބޭނުންކުރާތީ އެކަމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިފަދަ މެސެޖުތަކަށް ސަމާލުވުމަށް ތަކުރާރުކޮށް ކަމާ ގުޅޭ އިދާރާތަކުން އެދެމުން ދިޔަ ނަމަވެސް ބައެއް އާންމުންނަށް އެކަމަށް ސަމާލުކަން ނުދެވި ފައިސާގެ ގޮތުން ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.
ސްކޭމް މެސެޖު ފޮނުވައިގެން ފައިސާ ފޭރިގެންފައިވާ ގިނަ މައްސަލަތަކެއް ފުލުހުންގެ އިދާރާ އިން ތަހުގީގު ކުރަމުންދެ އެވެ.