ވެރިކަމުގެ ހުވާކުރައްވާތާ 100 ދުވަހުގެ ތެރޭގައި ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި ދުވަހުން ދުވަހަށް ދޭންޖެހޭ މުނިސިޕަލް ހިދުމަތްތައް ދެވޭނީ މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކުރެވިގެން ކަމަށެވެ.
މިބަދަލާ އެކު ހުޅުމާލޭގައި މާލެ ސިޓީ ކައުންސިލުން ކުރާނެ ބައެއް ކަންކަމުގެ ތަފްސީލް ވެސް މުއިއްޒު ދެއްވެވި އެވެ. އެގޮތުން ލާމަރުކަޒީ ގާނޫނުގައި ކައުންސިލަށް ލާޒިމުކޮށްފައިވާ ހިދުމަތްތައް އޭރުން ފުރިހަމައަށް ހުޅުމާލޭގައި ދެވޭނެ ކަމަށް ވިދާޅުވި އެވެ. މަގުތައް ދިއްލުމާއި، ފަޅުތެރެ ސާފުކުރުމާއި، މަގުތައް ސާފުކުރުމުން ފެށިގެން ކައުންސިލަކުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރެވޭ ގޮތަށް ބާރުތައް ހަވާލުކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
"އެގޮތަށް ބަދަލުވެގެންދާއިރު ކަންކަން ހަމަޖައްސާނީ އެކަމަށް ބޭނުންވާ ހުރިހާ ވަސީލަތަކަކާ ވެސް އެކު،" ސެންޓްރަލް ޕާކްގައި އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވި އެވެ.
ހުޅުމާލެ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް އެމަނިކުފާނުގެ މިވެރިކަމުގައި އެކަން އެގޮތަށް ކުރުމަށްޓަަކައި އެއްވެސް ކަމެއް ކުރައްވާފައެއް ނުވެ އެވެ.
މުއިއްޒުގެ މޭޔަރު ކަމުގައި މާލެ ސިޓީ ކައުންސިލުން މީގެ ކުރިން ވަނީ ހުޅުމާލެ ބިމުގެ ރަޖިސްޓްރީ ބާތިލްވެސް ކޮށްފަ އެވެ. އެ ބިން ރަޖިސްޓް ރީކޮށްދީފައިވަނީ އެޗްޑީސީ އަށެވެ. އެ ރަޖިސްޓްރީ ބާތިލްކޮށް ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންދަން އެ ކައުންސިލްގެ އާންމު ޖަލްސާއަކުން ފާސްވެސް ކުރި އެވެ.
އެކަމަކު ސިޓީ ކައުންސިލްގެ ނިންމުން ގާނޫނު އަސާސީ އާއި ލާމަރުކަޒީ ގާނޫނުގެ އިތުރުން ބިމާ ބެހޭ ގާނޫނާ ވެސް ހިލާފު ކަމަށް ބުނެ އެޗްޑީސީ އިން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން ކޯޓުން ވަނީ އެޗްޑީސީއާ އެއްކޮޅަށް މައްސަލަ ނިންމާފަ އެވެ.