ޔަހޫދީ ސަރުކާރުގެ އަމުރަށް ޣައްޒާއިން އިންޓަނެޓް ކަނޑާލުމާ ގުޅިގެން -- ޣައްޒާގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިދާރާތަކަށް ސްޓާލިންކް އިންޓަނެޓް ދޭނެ ކަމަށް އެމެރިކާގެ ވިޔަފާރިވެރިޔާ އީލޮން މަސްކް އޮތީ ވިދާޅުވެފަ އެވެ.
އީލޮން މަސްކްގެ މި މެސެޖް ފެނިވަޑައިގެން ޔަހޫދީންގެ ކޮމިއުނިކޭޝަން މިނިސްޓަރު، ޝިއޮމޯ ކަހަޣާއީގެ މުޅި ހަށިކޮޅުން ހީބިހި ކޮޅަށްޖެހި ވަނީ ތެޅިފޮޅިގެންފަ އެވެ.
ޝިއޮމޯ ކަހަޣާއީ ވިދާޅުވި ގޮތުގައި ޣައްޒާއަށް ސްޓާލިންކް އިންޓަނެޓް ދީފި ނަމަ އޭގެ ބޭނުންހިފާނީ ހަމާސްގެ ހަނގުރާމަވެރިންނެވެ. އޭނާ އަދި ވިދާޅުވީ މިއީ އެކަން ހިނގާނެ ގޮތްކަން އޭނާއަށް އެގިވަޑައިގަންނަވާ ފަދައިން އީލޮން މަސްކްއަށް ވެސް އެނގި ވަޑައިގަންނަވާނެ ކަމަށެވެ.
ޔަހޫދީ ވަޒީރު ވިދާޅުވި ގޮތުގައި ސްޓާލިންކް ތައްޓެއް ޣައްޒާގައި ބަހައްޓައިފި ނަމަ އެ ސިސްޓަމް ހަލާކުކޮށްފައި ނޫނީ ޔަހޫ ޖެޓުތައް އިތުރު ކަމެއް ނުކުރާނެ އެވެ.
ޔަހޫދީ ވަޒީރަށް ރައްދުދެއްވައި އީލޮން މަސްކް ވިދާޅުވީ އޭނާ އަކީ ވަޒީރު އެ ވިދާޅުވާ ވަރުގެ ކޮހެއް ނޫން ކަމަށެެވެ.
ޣައްޒާގައި ސްޓާލިންކް އިންޓަނެޓް ތަށިތަކެއް ބެހެއްޓުމަށް ވިޔަފާރި ޕްރޮޕޯސަލެއް ނުފައްޓަވާ ކަމަށް ވެސް މަސްކް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޣައްޒާގައި ސްޓާލިންކް އެންމެ ތައްޓެއް ބެހެއްޓި ނަމަވެސް، އެ ނިޒާމަށް ގުޅުން ދިނުމުގެ ކުރިން އެމެރިކާ ސަރުކާރާއި ޔަހޫދީ ސަރުކާރުން އެ ސިސްޓަމް ބަލައި ފާސްކުރާނެ ކަމަށެވެ.
އިންސާނީ އެހީތެރިންނަށް ނޫން ގޮތަކަށް ޣައްޒާގައި ސްޓާލިންކް އެންމެ ތައްޓެއް ވެސް ސްވިޗް އޮންނުކުރާނެ ކަމަށް ވެސް މަސްކް ވިދާޅުވި އެވެ.
އީލޮން މަސްކް ވިދާޅުވި ގޮތުގައި ސްޓާލިންކް އިންޓަނެޓް ޓާމިނަލްތަކުން ގުޅުން ފޯރުކޮށްދޭނީ ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައިވާ ޖަމާއަތްތަކަށް އެކަނި ކަމަށެވެ.
އދ އަދި ދުނިޔޭގެ މައިގަނޑު ޖަމާއަތްތަކުން ރުހުންދީފައި އޮތް ޖަމާއަތަކަށް ނޫން ގޮތަކަށް ސްޓާލިންކް ޣައްޒާގައި ބޭނުން ނުކުރެވޭނެ ކަމަށް ވެސް އީލޮން މަސްކް ވިދާޅުވި އެވެ.
ޔަހޫދީ އަސްކަރީ ޖެޓްތަކުން ހުކުރުދުވަހުގެ ރޭ ޣައްޒާއަށް ދިން ހަމަލާތަކުގައި މުވާސަލާތީ ގުޅުން ވަނީ ކަނޑާލާފަ އެވެ.
ޔަހޫދީން މިހެން ކަން ކުރުމުން އިންސާނީ ހައްގުތަކުގެ ދިފާއުގައި ވަކާލާތުކުރާ މީހުން އަދި ނޫސްވެރިންނަށް ވެސް އިންޓަނެޓް ލިބޭނެ ގޮތެއް ނެތެވެ.