ވިޔަފާރި

ހަމައެކަނި ދިވެހިން ހަރަކާތްތެރިވާ ދާއިރާތަކަށް ހާއްސަކޮށް ލޯނު ދޫކުރަނީ

  • ގެޓްސެޓް ލޯނުގެ ވެސް އަލަށް ދޫކުރާނެ
  • ކުދި ވިޔަފާރިއަށް މުޅިންއާ ލޯނު ސްކީމެއް
  • ފޮޓޯގްރަފީ ދާއިރާގައި ގިނަ ޒުވާނުން އުޅޭ

ހަމައެކަނި ދިވެހިން މަސައްކަތްކުރާ ދާއިރާތައް ތަރައްގީ ކުރަން ހާއްސަކޮށްގެން މި އަހަރު ލޯނު ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ބިދޭސީން ހަރަކާތްތެރި ނުވެވޭ ދާއިރާތައް ތަރައްގީ ކުރަން މި އަހަރު ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށެވެ.

ސަރުކާރުން ވަނީ ފޮޓޯގްރަފީ ދާއިރާ އާއި ވޯޓާ ސްޕޯޓްސް އަދި ސްވެނިޔަ ވިޔަފާރީގެ އިތުރުން ކޭޝިއަރުންގެ ގޮތުގައި ދިވެހިން ހަރަކާތެރިވާން ހާއްސަކޮށްފަ އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ތެރެއިން ހަމައެކަނި ދިވެހިން އުޅޭ ދާއިރާތަކުން މީހުން ތަމްރީން ކުރަން ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ލޯނު ސްކީމަކާއި "ގެޓްސެޓް" ލޯނު ސްކީމްގެ އާ ބުރެއްގެ ދަށުން ވެސް ލޯނު ދޫކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ދާއިރާތަކުން މީހުން ތަމްރީން ކުރުމާއި ދާއިރާތަކަށް މީހުން އުފެއްދުމަށް ވަރަށް އަވަހަށް ފެށޭނެ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަމައެކަނި ދިވެހިންނަށް ބައެއް ދާއިރާތަކުގައި ހަރަކާތެރިވެވޭ ގޮތަށް ހެދުމުން ގިނަ ދިވެހިން މަސައްކަތަށް ނުކުމެފައިވާ ކަމަށެވެ.

"މިސާލަކަށް ފޮޓޯގްރަފީ މި ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު ވަނީ ވަރަށް ބޮޑުތަން އިތުރުވެގެން ގޮސްފައި. ގިނަ ޒުވާނުން މިހާރު މަސައްކަތްކުރޭ،" ސައީދު ވިދާޅުވި އެވެ. "ރިސޯޓުތަކުގައި ވެސް ފޮޓޯގްރަފީގެ ދާއިރާގައި މަސައްކަތް ކުރުން އިތުރުވެއްޖެ. މީގެ އިތުރުން ފަތުރުވެރިން އެންމެ ގިނައިން ގެންދާ ގައުމުތަކަށް ދިވެހިން ގެންގޮސްގެންވެސް އެބަ ތަމްރީންދޭ."