ވިޔަފާރި

ބީއޯސީގެ ލޯނު ހަމަޖެހުމާއެކު ހަތަރު މަހުން ދޫގަސް ހުޅުވަނީ

ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ ލޯން ފެސިލިޓީ ހަމަޖެހުމާއެކު، ސ. ގަން. ދޫގަސް ތަރައްގީކޮށް ހަތަރު މަހުން ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދޫގަސްގެ އެއްބަސްވުން ބަދަލު ކުރެއްވުމަށްފަހު އެމްޕީއެލްގެ ސީއީއޯ އަބްދު ރައްޒާގު ހަލީމް ވިދާޅުވީ ފުރަތަމަ ހުޅުވާނީ 42 ކޮޓަރި ކަމަށާ އޭގެ ފަހުން އިތުރު 78 ކޮޓަރިއާއެކު ޖުމްލަ 120 ކޮޓަރި ހުޅުވާނެ ކަމަށެވެ.

"މި މަހު އަމަލީ މަސައްކަތް އިރާދުކުރެއްވިއްޔާ ފެށޭނެ. އަޅުގަނޑުމެން ހަދާފައިވާ ޕްލޭނާ އެއްގޮތަށް މަސައްކަތް ފެށިގެންދާނެ. މި މަސައްކަތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ. މިއާއެކު ސުވިމިން ޕޫލް އާއި ބީޗެއް ވެސް ހަދާނެ. ހަލީމް ވިދާޅުވި އެވެ.

ދޫގަސް ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްހޫރުގެ ފުރަތަމަ ބަޔަކަށް ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ވަނީ 40 މިލިއަން ރުފިޔާގެ ލޯނެއް ދީފަ އެވެ.

ދޫގަސްގެ އަމަލީ މަސައްކަތް ފަށަން ހަވާލު ކުރުމަށްފަހު، މިނިސްޓަރު ޒަމީރު ވިދާޅުވީ މި މަސައްކަތަކީ އައްޑު އަތޮޅު ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. ނަމަވެސް މި މަސައްކަތް ލަސްވެގެން ދިޔައީ ކރިން މިތަން ހިންގި، އެމްވީކޭ އިން ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލައެއްގެ ސަބަބުން ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ކުރިން މިތަން [ދޫގަސް] އަކީ ކުރިން ގެސްޓްހައުސް އެއް. ނަމަވެސް އަޕްގްރޭޑްކޮށް ހޮޓަލަށް މި ބަދަލުކުރަނީ. މި ތަން އެމްޕީއެލްއާ ހަވާލު ކުރެވެނީ އައްޑު އަތޮޅުގައި ދޭ ދަތުރުފަތުރުގެ ކޮންޕެންސޭޝަނެއްގެ ގޮތުން. އެހެންވެ މިތަނުގައި ހޮޓަލެއް ހިންގަން ހަވާލުކުރެވެނީ،" ޒަމީރު ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ ދޫގަސް އަށް ބޮޑު ބަދަލެއް ގެންނަން އެމްޕީއެލްއަށް ހަވާލު ކުރުމާއެކު، ލިބިގެންދާނެ އެންމެ ބޮޑު އެއް ކުރިއެރމަކީ 200 އެއްހާ ވަޒީފާ އުފެދިގެން ދިއުން ކަމަށެވެ.

"ރަސްމީކޮށް ސޮއިކުރުމުގެ ކުރިންވެސް [ދޫގަސް މަޝްރޫއު] ގެ މަސައްކަތުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. ދޫގަސްއާ ބެހޭ ދެތިން ހަތަރު ހަފުލާއެއް ކުރިއަށް ގެންދެވިއްޖެ. މީގެ ނަތީޖާ ވަރަށް އަވަހަށް ފެނިގެންދާނެ. ދޫގަސް ވަަރަށް ބޮޑު ދައުރެއް ކުޅޭނެ އައްޑުއަށް ބަޖެޓް ޓްރެވަލާސް އަންނަން. އިރާދުކުރެއްވިއްޔާ މޯލްޑިވިއަންގެ ދެ ތިން ފްލައިޓްގެ ޓްރެފިކް ދޫގަސް އޮޕަރޭޝަނަށް އައުމުން މެނޭޖު ކުރެވޭނެ،" ސައީދު ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވީ ދޫގަސް ތަރައްގީ ކުރުމަށްފަހު، އެތަން ހިންގާނީ ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ހުރި މީހުންނާއެކުގައި ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމްވީކޭ އަށް ދޫގަސް ދީފައިވަނީ އައްޑު އަތޮޅުގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ޝަރުތުކޮށެވެ. ފަހުން، އެތަން ނުބެލެހެއްޓި ވީރާނެ މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި ދޫގަސް އަލުން ތަރައްގީކޮށް އަލުން ހިންގަން ފަށާނެކަން އިއުލާނު ކުރީ 2016 ވަނަ އަހަރު އެމްޕީއެލްގެ ކުރީގެ ސީއީއޯ މުހައްމަދު ޖުނައިދު އެވެ. އަދި އެމްޕީއެލް އިން ދޫގަސް ތަރައްގީ ކުރާނެ ޕްލޭން ދައްލާފައިވަނީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އެ ކުންފުންޏާ އެތަން ހަވާލުކުރީ ޓޫރިޒަމާބެހޭ ކަންކަމަށް ދޫކުރާނެ ތަންތަނުގެ ލިސްޓްގެ ތެރެއަށް ދޫގަސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިތުރުކޮށް، އިކްއިޒިޝަން ފީގެ ގޮތުގައި 312،500 ޑޮލަރު އަންދާޒާކޮށްފަ އެވެ.