ރިޕޯޓް

ޓޫރިޒަމް އިންވެސްޓްމަންޓް އިތުރުވުން: އެނގެނީ ކޮން ކަމެއް؟

Apr 19, 2017
5
  • ފުރަތަމަ ކުއާޓާގައި ބޮޑު އަދަދަކުން އިތުރު
  • ބޮޑެތި ބްރޭންޑްތައް ރިސޯޓު މެނޭޖު ކުރުން އިތުރު
  • ދައްކާ ވާހަކަ އާއި ފެންނަ މަންޒަރު ވަރަށް ތަފާތު

މަހުޖަނެއްގެ ލާރިގަނޑު ޔަގީންކަން ނެތް ތަނަށް ދޫކޮށްލާނެ ހެއްޔެވެ؟ އިންވެސްޓްކުރާއިރު ދިރާސާކޮށް، ރިސާޗު ނުހަދައި، ފައިސާ އަޅާނެ ހެއްޔެވެ؟ މި ދެ ސުވާލަކީ އިންވެސްޓްކުރާ ތަނަކުން ކޮންމެހެން ޖަވާބު ލިބެން ޖެހޭ ދެ ސުވާލެކެވެ. އިންވެސްޓަރުން އަންނައިރު މައިގަނޑު ގޮތެއްގައި ބަލާ ކަންތައްތަކުގެ ތެރޭގައި މިކަން ހިމެނެ އެވެ. ދެން އޮތީ ރާއްޖޭގެ ވާހަކަ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ އިންވެސްޓްމަންޓް ރޫސް އަޅާފަ ދަނީ މައްޗަށެވެ. ނަމަވެސް އަނެއް ކޮޅުން އިވެނީ އިންވެސްޓްމަންޓް ނާންނަ ވާހަކަ އެކެވެ. މީގެ ހަގީގަތަކީ ކޮބައި ހެއްޔެވެ؟

"ހަމަޔަގީނުން ވެސް އެނގޭ ކަމަކީ ޓޫރިޒަމް އިންވެސްޓްމަންޓްތައް ގިނަވާކަން. މިކަން މާނަކުރާ ގޮތަކަށް ކުރަންވީ،" ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ވިޔަފާރިކުރާތާ 20 އަހަރުވެފައިވާ އިސް ފަރާތެއް ނަން ނުޖެހުމަށް އެދި ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް 200 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖޭގައި ވަނީ ރަޖިސްޓްރީކޮށްފަ އެވެ. އަދި މި އިންވެސްޓްމަންޓްތައް ރިއަލައިޒްވުމަށް ފަސް އަހަރުވާނެ އެވެ. އަދި މިހާރު ރާއްޖޭގައި ހިނގާ، ޓޫރިސްޓުން ރިސޯޓު ހެދުމުގެ މަޝްރޫއުތަކަށް ބަލާއިރު، ވޭތުވެދިޔަ ދެތިން އަހަރުތެރޭގައި މުޅިން އަލަށް ފެށި ރިސޯޓު މަޝްރޫއުތައްވެސް މަދެއް ނޫނެވެ.

ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ ފުރަތަމަ ކްއާޓަރު ރާއްޖޭގައި ބޭރުގެ 10 ކުންފުންޏަކުން އިންވެސްޓްމަންޓް ރަޖިސްޓްރީ ކޮށްފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑުބައެއް ހިއްސާ ކުރަނީ ޓޫރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތައް ކަމަށެވެ.

އިންވެސްޓްމަންޓް ރަޖިސްޓްރީ ކުރި ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް ދާއިރާ. ބޮޑެތި އިންވެސްޓްމަންޓްތައް މި އަންނަނީ ޓޫރިޒަމްގެ ދާއިރާއަށް. މީގެ އިތުރުން ހޯލްސޭލް ޓްރޭޑިން އަދި ކޮންސްޓްރަކްޝަން ދާއިރާ ވެސް ހިމެނޭ،" ވިސާމް ވިދާޅުވި އެވެ.

ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި އަހަރު އިތުރު 20 ރިސޯޓެއް ބާޒާރަށް ނެރޭނެ އެވެ. އަދި 2018 ވަނަ އަހަރު އަންނަންވާއިރަށް 50 ރިސޯޓު ހުޅުވުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ.

އިނގިރޭސިވިލާތުގެ "ފައިނޭންޝަލް ޓައިމްސް" އަށް ވާހަކަ ދައްކަވަމުން، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވީ ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރާ ފަރާތްތައް ގިނަ ވަމުންދާ ކަމަށެވެ.

ސަރުކާރުން އަންދާޒާކުރާ ގޮތުގައި މި އަހަރު އިތުރު 20 ރިސޯޓެއް ބާޒާރަށް ނެރޭނެ އެވެ. އަދި 2018 ވަނަ އަހަރު އަންނަންވާއިރަށް 50 ރިސޯޓު ހުޅުވުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒެވެ.

ސުވާލަކީ ރާއްޖޭގައި އިންވެސްޓްކުރާ މީހުންގެ އަދަދު އިތުރުވަމުން ދިއުމުގެ މައިގަނޑު ސަބަބަކީ ކޮބައި ހެއްޔެވެ؟

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާއަކީ އިންވެސްޓްކޮށްގެން އެންމެ އަވަހަށް އޭގެ ބަދަލު ލިބިދޭ ގައުމު ކަމަށެވެ.

"ރާއްޖެއަކީ އިންވެސްޓް ކުރުމަށް އެންމެ ރައްކާތެރި މާކެޓު. އެކަމަކު ކޮންމެ ގައުމެއްގައި ވެސް ގޮން ޖެހުން ތަކެއް ހުންނާނެ. ނަމަވެސް ރާއްޖޭގައި އިންވެސްޓް ކުރުމުން މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ކަވަރު ވުމަށް މި ނަގަނި އެންމެ ހަތް ވަރަކަށް އަހަރު ޓޫރިޒަމް އާއި ހޮސްޕިޓާލިޓީ ދާއިރާގައި،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގައި 100 އަށް ވުރެ ގިނަ ބައިނަލްއަގުވާމީ ޓޫރިޒަމް މަރުކާ އާއި ތިން ބައިނަލްއަގުވާމީ އެއާޕޯޓް އަދި ހަތަރު މެރިން ޕޯޓުގެ އިތުރުން ތިން ވިޔަފާރީގެ ބަނދަރު އެބައޮތް ކަމަށެވެ. އަދި ރާއްޖޭގައި 27،000 އަށް ވުރެ ގިނަ ޓޫރިސްޓުން އެނދު އެބަހުރި ކަމަށާއި އަދި މި ފަސް އަހަރު ތެރޭގައި އިތުރު 12،000 އެނދު އިތުރުވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ބައިނަލްއަގުވާމީ ދުނިޔެއިން ބުނަނީ މިކަމެއް [ރާއްޖޭގެ ޓޫރިޒަމް ތަރައްގީ] އެއް ނުކުރެވޭނެ ކަމަށް. ސަބަބެއް ކަމަށް ބުނީ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި ރާއްޖޭގެ މާލީ ދާއިރާ އޮތް ގޮތުން ރާއްޖޭގައި އިންވެސްޓް ނުކުރެވޭނެ ކަމަށް. ނަމަވެސް ޓޫރިޒަމްގެ މުހިންމު ފަރާތްތަކުގެ ބުރަ މަސައްކަތާއި ގުރުބާނީ އިން މި ވަނީ ކާމިޔާބުކޮށްފަ،" ސައީދު ވިދާޅުވި އެވެ.

ކޮންމެއަކަސް ރާއްޖެއަކީ ކޮންމެ ބަޔަކު، ކޮންމެ އެއްޗެއްކިއަސް، އެންމެ އިންވެސްޓް ކުރަން ހިތްގައިމު އެއް ގައުމެވެ. އެހެންނޫނަމަ ބޮޑެތި ބްރޭންޑްތައް ރާއްޖެއަކު އިންވެސްޓެއް ނުކުރާނެ އެވެ. ނަމަވެސް މިކަން މިގޮތުގައި ބެހެއްޓުމަށް ރާއްޖޭގައި އަމާންކަން ހިފެހެއްޓުންމިއީ އެންމެ މުހިންމު އެއް ބަހާއެވެ.