މިނިސްޓްރީ އޮފް ޓޫރިޒަމް

ފަތުރުވެރިކަމުގެ ދާއިރާއަށް އަންހެނުން އިތުރުކުރުމަށް ހާއްސަ ޕްރޮގްރާމެއް އިފްތިތާހްކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު އިތުރުކުރުމަށްޓަކައި "ފަހި ފަތުރުވެރިކަމަށް އަންހެނުން"ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް މިއަދު އިފްތިތާހް ކޮށްދެއްވައިފި އެވެ.

މި ޕްރޮގްރާމް އިފްތިތާހްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްރޮގްރާމް އިފްތިތާހް ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުުހައްމަދު ސައީދު އެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ވެގެންދިޔައިރު މި ދާއިރާއަކީ ވަޒީފާގެ ބާޒާރުގައި އެންމެ ގިނަ ފުރުސަތު ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހުޅުވިފައިވާ ދާއިރާ ކަމަށެވެ.

ފައިސަލް ވިދާޅުވީ އުފެއްދުންތެރިކަމުގެ ނިސްބަތަަށް ބަލާނަމަ 2022 ވަނަ އަހަރު ނިމުނުއިރު، ފަތުރުވެރިކަމާއި ފަތުރުވެރިކަމާއި ގުޅުން ހުރި ދާއިރާތަކުން ސީދާ 40 އިންސައްތަ ޖީޑީޕީގައި ހިއްސާ ކޮށްފައިވާ ކަމަށެވެ.

"2022 ވަނަ އަހަރުގެ ބޯހިމެނުމުގައި ދައްކާ ގޮތުގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ ދިވެހި އަންހެނުންގެ އިންސައްތަ ވަނީ ވަރަށް ބޮޑަށް ދަށްވެފައިކަން ފާހަގަކޮށްލެވޭ،" ފައިސަލް ވިދާޅުވި އެވެ.

މި ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ދާއިރާތަކުން ތަޖުރިބާކާރު މެންޓަރުންނާއެކު އެބޭފުޅުން މަސައްކަތް ކުރާ މާހައުލުގައި ދަރިވަރުން ގޮތަށް ތިންމަސް ދުވަސް ހޭދަކޮށް އަމަލީ ތަޖުރިބާ ލިބިގެން ދާނެ ގޮތަށެވެ.

މި ޕްރޮގްރާމްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު އަންހެނުން ނުކުމެ އެކަމަށް އިތުރު ހިތްވަރެއް ލިބިގެން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

މި ޕްރޮގްރާމަކީ މިސަރުކާރުގެ "ހަފްތާ 14" ގައި ފެށުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.