އައްޑޫ ސިޓީ

އައްޑޫން ފުރަތަމަ ޗާޓަރު ސީޕްލޭން ހުވަދު އަތޮޅަށް ބާއްވައިފި

Dec 26, 2016
2

އައްޑޫގައި ސީޕްލޭން އޮޕަރޭޝަން ފެށި ފަހުން، ފުރަތަމަ ފަހަރަށް ހުވަދު އަތޮޅުގެ ރިސޯޓަކަށް ޗާޓަރުކޮށްގެން ސީޕްލޭން ފްލައިޓެއް ބާއްވައިފި އެވެ.

އައްޑޫގައި ރޭ ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައި، އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ އައްޑޫން ފުރަތަމަ ފަހަރަށް ސީޕްލޭނެއް ހުވަދު އަތޮޅަށް ޓޫރިސްޓުން ގޮވައިގެން ގޮސްފައިވާ ކަމަށެވެ.

"މިއީ ވަރަށް ކެތްތެރިކަމާއެކު ކުޑަކުޑަ ނުވަތަ ބޮޑު ގެއްލުމަކާއެކު ވެސް ފެއްޓުމަށްޓަކައި ސީޕްލޭން އޮޕަރޭޝަން އައްޑޫގައި ފެށީ،" ސައީދު ވިދާޅުވި އެވެ.

ޗާޓަރު ސީޕްލޭން ބޭއްވި ނަމަވެސް، މި ދަތުރު ކުރީ ކޮން ރިސޯޓަކަށް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.

އައްޑޫގައި އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް، ބޮޑު ކުރުމާ ގުޅިގެން އެ އެއާޕޯޓަށް ދަނީ ސްރީލަންކަން އެއާލައިންސްގެ ޝެޑިއުލް ދަތުރުތައް ފަށާފަ އެވެ. އަދި މި ދަތުރުތަކާ ދިމާކޮށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ވަނީ ސީޕްލޭންގެ އޮޕަރޭޝަންވެސް ފަށާފަ އެވެ.