ވިޔަފާރި

ގަން އެއާޕޯޓްގެ ސީޕްލޭން ބޭސްގެ މަސައްކަތް ޓީއެމްއޭއަށް

Aug 17, 2016
2
  • އައިއެންއައިއޭ އާއި އެއް ފެންވަރުގެ ހިދުމަތް
  • ގަން އެއާޕޯޓުގެ ވަނީ ނިމުމަކާ ކައިރީގައި
  • ސީޕްލޭން އޮޕަރޭޝަން ދެ މަސްތެރޭ ފަށާނެ

އައްޑު އަތޮޅުގެ ގަން އެއާޕޯޓުގައި ގާއިމު ކުރާ ސީޕްލޭންގެ ބޭސްގެ މަސައްކަތް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއެމްއޭ) އާ ހަވާލުކޮށްފި އެވެ.

ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީ (އޭއައިއޭ) އިން ބުނީ ގަމުގެ ސީ ޕްލޭން އޮޕަރޭޝަން ޓީއެމްއޭއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ އިއްޔެ ކަމަށެވެ. މި އެއްބަސްވުމުގައި އޭއައިއޭގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިބްތިޝާމާ އަހުމަދު ސައީދެވެ. ޓީއެމްއޭއިން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އޭޔޫއެމް ފައުޒީ އެވެ.

ޓީއެމްއޭއިން ބުނީ ގަމުގައި ވެސް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމްކޮށްފައިވާ ފެންވަރުގެ ސީ ޕްލޭން ބޭސްއެއް ގާއިމު ކުރާނެ ކަމަށާއި އެ ކުންފުނީގެ އަމާޒަކީ ހިދުމަތް ފުޅާކުރުން ކަމަށެވެ. އޭއައިއޭ އިން ގަމުގައި ހަދާ ސީ ޕްލޭން އޮޕަރޭޝަން ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން ދަނީ ގަމަށް އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫއުގެ ދަށުން މިހާރުވަނީ ރަންވޭ 2،000 މީޓަރަށް ބޮޑުކޮށްފަ އެވެ.

ފުވައްމުލަކު- އައްޑޫގައި ދަތުރުފަތުރުގެ ހިދުމަތް އިފުތިތާހު ކުރުމަށް އައްޑޫގައި މިދިޔަ މަހު ބޭއްވި ޖަލްސާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭން އުދުއްސޭ ވަރުވާނެ ކަމަށެވެ.

ސައީދު ވިދާޅުވީ އެއާޕޯޓް ހިންގާ ކުންފުނީގެ ވިސްނުން ހުރީ މި އެއާޕޯޓަކީ ހަގީގީ ތަނަކަށް ހެދުމަށް ކަމަށާއި ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އައްޑޫ އެއާޕޯޓް ފުޅާކުރަން ގެންދާ މަޝްރޫއު ވެސް ކާމިޔާބު ކަމާއެކު ނިންމާ އެއާޕޯޓް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދާނެ ކަމަށެވެ.