ވިޔަފާރި

ހަދިޔާ ކާރުހާނާއާއެކު އެސްއެމްއީ ޕާކުގެ ބިންގާ އަޅައިފި

ހަނދާނީ ހަދިޔާ އުފައްދާ ފެކްޓްރީއެއް ހިމެނޭ، ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިސް (އެސްއެމްއީ) އިންޑަސްޓްރިއަލް ޕާކުގެ އިމާރާތުގެ ބިންގާ މިއަދު އަޅައިފި އެވެ.

ކުދި ވިޔަފާރި ތަރައްގީ ކުރުމަށް އުފައްދާފައިވާ، ބިޒްނަސް ސާވިސް ކޯޕަރޭޝަން (ބީސީސީ) ގެ އިސް ނެގުމަކަށް ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގުޅިގެން ހަދާ މި އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރު (30.8 މިލިއަން ރުފިޔާ) ގެ "އެސްއެމްއީ އިންޑަސްޓްރިއަލް ޕާކް" އިމާރާތާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ މި އިމާރާތުގެ ސަބަބުން ޒުވާނުން ވިޔަފާރިތައް ކުރިއަރައިގެން ދާނެ އިތުރު ދޮރުތަކެއް ހުޅުވިގެންދާނެ ކަމަށާ، މި އިމާރާތުގައި އެއްފަހަރާ 120، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް މަސައްކަތް ކުރެވޭނެ ކަމަށެވެ. މި މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ބޮޑު އެދިވަޑައި ގަތުމެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މި ޕާކުގެ މަސައްކަތް ނިމޭނީ އަންނަ އަހަރުގެ ޖޫން މަހު އެވެ.

"ރައީސް އެދިވަޑައިގަތީ މެކެނައިޒްކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އުފައްދައި ދޭށޭ ފަސް ބާވަތެއް. އެހެންވެ މި އިމާރާތުގައި ހުންނާނެ ފެކްޓްރީތައް، ފަސް ބާވަތެއްގެ ސުވެނި އުފައްދާ. ފުރަތަމަ އަޅުގަނޑުމެން ހެދީ ފީޒިބިލިޓީ ސްޓަޑީ. ރާއްޖެއަކީ 99 ޕަސެންޓް ކަނޑު އޮންނަ ތަނެއް. އެހެންވީމަ އަޅުގަނޑުމެން ވިސްނީ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރަން ކޮންކަމެއްތޯ ޓޫރިޒަމްގައި އުޅޭ މީހުންނަށް ދައްކާނީ. އެހެންވެ މެރިން ލައިފުން ފެންނަ ސޮފްޓް ޓޯއީސް އުފައްދަން ނިންމީ،" ސައީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އިމާރާތުގައި އިފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާގައި މަސައްކަތްކުރާ ޒުވާނުންނަށް ހާއްސަކޮށް އައިޓީ އުފެއްދުންތައް ތައްޔާރުކުރެވޭނެ ވަސީލްތައް ވެސް ހުންނާނެ ކަމަށެވެ.

"މި [އެސްއެމްއީ އިންޑަސްޓްރިއަލް ޕާކް] ގައި އަންހެން ބޭފުޅުންނާއި ޒުވާނުންނާއެކު 120 ވިޔަފާރިއަށް މަސައްކަތް ކުރެވޭނެ. ރާއްޖޭގައި އިންސްޕަޔާ ކުރޭ ބައެއް އެއްޗިހި،" ސައީދު ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގަތީ ދެމެހެއްޓެނިވި ގޮތެއްގައި ފަސް ބާވަތެއް އުފައްދަން އެހެންވެ މި އިމާރާތުގައި ހުންނާނެ ފެކްޓްރީތައް ފަސް ބާވަތެއްގެ ސުވެނި އުފައްދާ،
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މާލެ ސަރަހައްދުގައި ތިން ބިލިއަން ޑޮލަރު ބޮޑު އިންވެސްޓްމަންޓްތައް ކުރެވިގެންދާއިރު، އެސްއެމްއީ އިންޑަސްޓްރިއަލް ޕާކުގެ ސަބަބުން ދިވެހިންނަށް އާ ފުރުސަތުތަކެއް ހުޅުވޭނެ ކަމަށެވެ.

"މިއީ އެސްއެމްއީ ޑިވްލޮޕްކުރަން ކުރާ މަސައްކަތުގެ ބައެއް. މިކަމުގެ ސަބަބުން ގްރޭޓާ މާލެ ރީޖަން އަށް ހާއްސަކޮށް ގިނަ ފައިދާތަކެއް ކުރާނެ،" ޒަމީރު ވިދާޅުވި އެވެ.

ބީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުންތާޒު ވިދާޅުވީ ކުރިން އަބަދުވެސް ކުދި ވިޔަފާރީގެ ވާހަކަ އަޑުއިވޭ ކަމަށާ، ނަމަވެސް ވިޔަފާރީގެ ތައުލީމު ދެވިފައިނެތް ކަމަށެވެ. ނަމަވެސް އެންޓަޕްރައިސް ޑިވްލޮޕްމަންޓް (އީޑީ) އުފައްދައިގެން މި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަރައްގީ ކުރަން ގިނަ މަސައްކަތްތަކެއް ކުރެވިއްޖެކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ އެސްއެމްއީ ޑިވްލޮޕްކުރަން ކުރާ މަސައްކަތުގެ ބައެއް. މިކަމުގެ ސަބަބުން ގްރޭޓާ މާލެ ރީޖަން އަށް ހާއްސަކޮށް ގިނަ ފައިދާތަކެއް ކުރާނެ
ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު

"ފުރަަތަމަ ވެސް ރައީސް ޔާމީން ވެރިކަމަށްވަޑައިގެން ކުރެއްވި ކަމަކީ އެސްއެމްއީގެ ގާނޫނުގައި ހުރި ކަންތައް ރަނގަޅު ކުރުން. އޭގެފަހުން އެސްއެމްއީ ލޯނު ސްކީމާއި ގެޓްސެޓް އަދި އިސްލާމިކް ފައިނޭންސް ސްކީމް މަދަދު ވެސް ވަނީ ތައާރަފު ކުރެވިފައި،" މުންތާޒު ވިދާޅުވި އެވެ.