ވަށައިގެން ބައްދައި ހިސާރުކޮށްފައި އޮތް ޣައްޒާއަށް ފޯނާއި އިންޓަނެޓްގެ ހިދުމަތް ލިބެން ފަށައިފި އެވެ.
ޣާއްޒާއަށް މުވާސަލާތީ ހިދުމަތް ދޭން މިފެށީ ހުކުރު ދުވަހުގެ ރޭ ޔަހޫދީ އިސްތިއުމާރީ ބާރުތަކުން މި ހިދުމަތް މެދުކަނޑާލުމަށްފަހު އެވެ.
ޔަހޫދީ އަސްކަރިއްޔާ އިން އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމުގެ ކުރިން އަމަލުކުރާނެ ގޮތް ތަރުރިބާކާރުން ކިޔައިދީފައި އޮތް އިރު، ފޯނާއި އިންޓަނެޓް އަދި ރޭޑިއޯ ބްރޯޑްކާސްޓް ހުއްޓުވާލާނެ ކަމަށް އޮތީ ކުރިންވެސް ބުނެފަ އެވެ.
ޔަހޫދީންގެ ބާރުގަދަ ޖޭމަރު މަތިންދާބޯޓުތަކުން މުޅި ޣައްޒާއަށް ޖޭމަރު ވޭވްސްތައް ފޮނުވާލައި، އިލެކްޓްރޯނިކް ވަރަށް ގިނަ އާލާތްތަކެއްގެ ހިނގުންވެސް ވަނީ ހުއްޓުވާފަ އެވެ.
ޔަހޫދީންގެ މި ބާރުވެރިކަމުގެ ސަބަބުން ހިތުގެ ހިނގުން އެއްވަރުކުރަން ބޭނުންކުރާ ޕޭސްމޭކާއަށް ވެސް އަސަރުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ފޯނާއި އިންޓަނެޓް ކަނޑާލުމުން މުޅި ޣައްޒާ އޮތީ ދުނިޔެއިން ބާކީވެފަ އެވެ. ޣައްޒާގައި ހިންގާ އެއްވެސް ކަމެއް އެ ސަރަހައްދުން ބޭރަށް އިއްވޭނެ ގޮތެއް ނެތި 36 ގަޑިއިރު ހޭދަވި އެވެ.
ޣައްޒާއަށް މުވާސަލާތީ ގުޅުން ފޯރުކޮށްދެނީ ޕަލްޓެލް ގުރޫޕުންނެވެ. މައި އޮފީސް ހުންނަނީ ނާބްލްސް ގައެވެ.
ޕަލްޓެލް ގުރޫޕުން އެކްސްގައި ބުނެފައިވާ ގޮތުން ޣައްޒާއަށް މުވާސަލާތީ ގުޅުން ފޯރުކޮށްދިނުމަށް ވަނީ މަސައްކަތް ފެށިފަ އެވެ. އަދި މަރުހަލާތަކަކުން ގޮސް މުޅި ޣައްޒާ ކަވަރުކުރާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
އިންޓަނެޓް ނެޓްވޯކަށް ޔަހޫދީން ދީފައި ހުރި ގެއްލުންތައް މަރާމާތުކޮށް ޣައްޒާއަށް ހިދުމަތްދިނުމަށް އެ ގުރޫޕްގެ އިންޖިނޭރުން އުފަލުން ތިބި ކަމަށްވެސް ވަނީ ބުނެފަ އެވެ.
މުވާސަލާތީ އިމާރާތްތަކަށް ޔަހޫދީ ޖެޓުތަކުން ދިން ހަމަލާގައި މަރާމާތު ނުކުރެވޭ ވަަރަށް ހަލާކުވެފައި ހުރި އާލާތްތަކަށް ގޮތެއް ނިންމެންދެން ބައެއް ސަރަހައްދަށް މުވާސަލާތީ ގުޅުން ނުދެވިދާނެ ކަމަށްވެސް އޮޕަރޭޓަރު ވަނީ ބުނެފަ އެވެ.
ޣައްޒާއަށް މި މަހު ހަތްވަނަ ދުވަހުން ފެށިގެން ޔަހޫދީން ދެމުންދާ ހަމަލާތަކުގައި މުޅި ޣައްޒާ އޮތީ ސުންނާފަތިކޮށްފަ އެވެ.
ޔަހޫދީންގެ ހަމަލާތަކުގައި 8،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް، ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ އަދަދު މިއަށް ވުރެ ތަންކޮޅެއް މަދެ އެވެ.
ޔަހޫދީންގެ ހަމަލާތައް އަދިވެސް އޮތީ ކުރިއަށެވެ. މިހެން ކަން އޮތުމުން ޣައްޒާއިން މަރުވާ މީހުން ހެލްތު މިނިސްޓްރީން ބުނާ ވަރަށް ވުރެ ބޮޑުތައް އަދި އިތުރުވާނެ ކަމަށް ބެލެވެ އެވެ.