މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އިގުރާރާ ހިލާފުވާނަމަ ޔާމީނަށް ފިޔަވަޅު އަޅާނަން: ކަރެކްޝަންސް

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމަށް ލުއިތަކެއް ދިނުމަށް އެކުލަވާލާފައިވާ އިގުރާރާ ހިލާފްވާނަމަ ފިޔަވަޅު އަޅާނެ ކަމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަންސް އިން މިހެން ބުނެފައި މިވަނީ ރައީސް ޔާމީންގެ ޖަލު ބަންދަށް ދިން ލުޔާއެކު ފުރަތަމަ ފަހަރަށް ރޭގެ ވަގުތެއްގައި ޕީޕީއެމްގެ މައި އޮފީހަށް ވަޑައިގެން ބައެއް ސަޕޯޓަރުންނާ ބައްދަލުކުރައްވާފައި ވަނިކޮށެވެ.

މީޑިއާ އަށް އާންމުކޮށް ދައުވަތު ނުދީ ނުރަސްމީކޮށް ބޭއްވި މިބައްދަލުވުމުގެ މަންޒަރު ޗެނަލް 13 އިން ވަގުތުން ދައްކާފައިވެ އެވެ. ނަމަވެސް އަޑު ހުރީ ކަނޑާލާފަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ބޭސްފަރުވާ ކުރުމަށާއި، ކަސްރަތުކޮށް އުޅުމުަށް އިތުރު ލުއިތަކަކަށް އެދިވަޑައިގެންފައިވާތީ އެ ފުރުސަތު ދީފައިވާނެ ކަމަށެވެ. އަދި ކަރެކްޝަނަށް އެންގުމަށްފަހު ކޮންމެހެން ބައްދަލުކުރުމަށް އެދޭ ފަރަތްތަކާ ބައްދަލުކުރުމުގެ ފުރުސަތުވެސް ދީފައިވާނެ ކަމަށް ކަރެކްޝަނުން މިއަދު ފުރަތަމަ ފަހަރަށް ވަނީ ބުނެފަ އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް ލުއިތަކެއް ދިނީ ކުރުން މަނާ ކަންތައްތަކެއްވެސް އިގުރާރެއްގައި ހިމެނުމަށްފަހު ކަމަށެވެ. އެހެންކަމުން ރައީސް ޔަމީންގެ އަމަލުތައް ހުންނަ ގޮތް ކަރެކްޝަނުން މޮނިޓާކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

"އިގުރާރާ ހިލާފްވާނަމަ ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވާފައިވާނެ،" އޮފިޝަލް އިތުރަށް ވިދާޅުވި އެވެ.