އިޒްރޭލުގެ ޕާސްޕޯޓް އޮންނަ މީހުން އެރަށަށް އެރުން މަނާކޮށްދިނުމަށް އއ. މަތިވެރި ކައުންސިލުން ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށް ގޮވާލައި ގަރާރެއް ފާސްކޮށްފި އެވެ.
ރާއްޖޭގެ އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ވިޔަފާރި ކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ މަތިވެރި ކައުންސިލުން މިގަރާރު ފާސްކޮށްފައިވަނީ އިއްޔެ އެވެ.
ގަރާރުގައި ވަނީ އިޒްރޭލުން ފަލަސްތީންގެ ބިންތައް ފޭރިގަނެގެން ފަލަސްތީންގެ މުސްލިމު އަޚުންނާއި އުޚުތުން ނިކަމެތިކޮށް، ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
އިޒްުރޭލުން ފަލަސްތީންގައި ކުރަމުން ދަނީ މުސްލިމުންގެ ޖީލެއް ނައްތާލުމުގެ މަސައްކަތް ކަމަށްވެސް ގަރާރުގައި ފާހަގަަކޮށްފައިވެ އެވެ.
މިގަރާރުގައި ބުނެފައިވަނީ މުސްލިމުންގެ މުގައްދަސް ބިމެއްގައި ގަދަބާރުން އަރާ ތިބޭ ފަލަސްތީންގެ މުސްލިމުންނަށް އަނިޔާ ދޭ ބަޔަކަށް ހިމާޔަތް ދިނުމަށް އެ ރަށުގެ އެއްވެސް މީހަކު ނޭދޭ ކަމަށެވެ. އެހެންވެ އިޒްރޭލުގެ ޕާސްޕޯޓް އޮތް އެއްވެސް މީހަކު އެރަށަށް ނުގެންދިއުމަށް މަތިވެރި ކައުންސިލުން ވަނީ އެރަށަށަށް ފަތުރުވެރިން ގެންދާ މީހުންނަށާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކަށްވެސް ގޮވާލާފަ އެވެ.
އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށްވެސް މިހާރު ވަނީ ހުށަހަޅާފަ އެވެ.
ފަލަސްތީންގެ މިނިވަންކަމަށްޓަކައި ޖިހާދު ހަމާސް ޖަމާއަތުން މިމަހުގެ ހަތްވަނަ ދުވަހު އިޒްރޭލަށް ދިން ކުއްލި ހަމަލާތަކުގައި ދީފައިވާ ބޮޑެތި ގެއްލުންތަކަށް ބަދަލުހިފުމުގެ ގޮތުން ޔަހޫދީ ހައްދުފަހަނައަޅާފައިވާ ލަޝްކަރުން ދިން ހަމަލާތަކުގައި ފަލަސްތީންގެ 8،000 އަށް ވުރެ ގިނަ މީހުން މަރާލާފައިވާ ރިޕޯޓްތައް ބުނެ އެވެ.