އައްޑޫ ސިޓީގެ ހުޅުމީދޫއާއި ހިތަދޫ ބްރިޖަކުން ގުޅާލުމުގެ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސާވޭގެ މަސައްކަތަށް ބޭނުންވާ 30 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ބަޖެޓްގައި މިމަޝްރޫއު ހިމަނާފައިވަނީ އަލަށް ފަށައި މަޝްރޫއެއްގެ ގޮތުގައި ކަމަށްވާތީ އަންނަ އަހަރު ކުރިއަށްދާނީ މިމަސައްކަތުގެ ސާވޭ އެކަނި ކަމަށް ބެލެވެ އެވެ.
ހުޅުމީދޫއާއި ހިތަދޫ ބްރިޖަކުން ގުޅާލުމަކީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ރިޔާސީ ވައުދެކެވެ.
ރިޔާސީ ކެމްޕޭންގައި މިދިޔަ މަހުގެ 27 ވަނަ ދުވަހު އައްޑޫ ފޭދޫ އަށް ވަޑައިގެން މުއިއްޒު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ފުރަތަމަ އަހަރުގެ ތެރޭގައި ހުޅުމީދޫއާއި ހިތަދޫ ގުޅާލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
"އުއްމީދަކީ އަދި އަޒުމަކީ އެންމެ ފުރަތަމަ ކޮޅު އަދި އެންމެ ފުރަތަމަ ހަފްތާގައިވެސް އިނީޝިއަލް ވޯކް ކުރުމުގެ މަސައްކަތް ފެށުން،" މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަކީ ކުރެވޭ ވަރުގެ މަސައްކަތެއް ކަމަށެވެ. އަދި އެކަން ކުރައްވާނެ ގޮތުގެ ވިސްނުމެއް އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ. އައްޑޫ ބްރިޖުގެ މި މަޝްރޫއަކީ އެ ސިޓީގައި ޓޫރިޒަމް ފުޅާކުރުމަށް މުއިއްޒު ގެންގުޅުއްވާ "އައްސޭރި ޓޫރިޒަމް" ކޮންސެޕްޓްގެ ބައެއް ކަމުގައިވެސް ވިދާޅުވި އެވެ.
ހުޅުމީދޫ އާއި ހިތަދޫ ބްރިޖަކުން ގުޅާލުމަކީ އައްޑޫ ރައްޔިތުންގެ ޒަމާންވީ ހުވަފެނެކެވެ.