އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު އައްޑޫއަށް ވަޑައިގެންފި އެވެ.
ޖައިޝަންކަރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އައްޑޫގެ މޭޔަރު އަލީ ނިޒާރުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި އައްޑޫ ސިޓީ ކައުންސިލްގެ އިސްވެރިންނެވެ.
ޖައިޝަންކަރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެހީއާ އެކު އައްޑޫގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތައް އިފްތިތާހުކުރުމަށް ހަމަޖެހިފައިވެ އެވެ. އެގޮތުން އައްޑޫގައި ކުރިއަށް ގެންދިޔަ ތިން މަޝްރޫއެއްގެ ނިންމުން އިފްތިތާހުކުރާނެ އެވެ.
މީގެތެރޭގައި އައްޑޫގެ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ނިންމާ ސަރުކާރާއި ހަވާކުރުމުގެ އިތުރުން އައްޑޫގެ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް ހަދާފައިވާ ހަންކެޑެ ބްރިޖް އިފްތިތާހުކުރުން ހިމެނެ އެވެ.
ހަންކެޑެ ބްރިޖު އޮތް ސަރަހައްދަކީ އިގްތިސާދީ ބޭނުންތަކަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަކަށްވާ ގޮތަށް އޮތް ބްރިޖަކަށް ވާތީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބޭނެ ކަމަށް އިންޑިއާ އިން ދެކެ އެވެ. އަދި ބިން ހިއްކުމުގެ މަޝްރޫއުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް އިންޑިއާ އިން ގަބޫލުކުރެ އެވެ.
ޖައިޝަންކަރު ރާއްޖެއަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގެ ސަބަބުން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.