ފެނަކަ ކޯޕްރޭޝަން

ފެނަކަ ދަރަނި 4 ބިލިއަން، މުވައްޒަފުންގެ އަދަދު 8،126

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި މިދިޔަ އަހަރުގެ ނިޔަލަށް 4.1 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން ހާމަކޮށްފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ކޮންމެ ދުވަހަކު ބާއްވަމުން ގެންދާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ހާމަކޮށްފައިވަނީ ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏެއްގެ މާލީ ހާލަތު ހުރި ގޮތެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންތިހާބީ ރައީސްގެ ތަރުޖަމާން މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ ކުންފުނިތަކުގެ މައުލޫމާތު އެއްކުރީ އިންތިގާލީ ކޮމިޓީތަކުން ކުރި މަސައްކަތްތަކުން ކަމަށެވެ.

ފިރުޒުލް ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު ފެނަކަ ކޯޕަރޭޝަންގައި މިދިޔަ އަހަރުގެ ނިޔަލަށް 4.1 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތެވެ. މީގެތެރެއިން 3.2 ބިލިއަން ރުފިޔާ އަކީ ފެނަކައިގެ ތަފާތު މަޝްރޫއުތަކުގައި މަސައްކަތް ކޮށްފައިވާ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ފައިސާ އެވެ. އަދި ސީދާ ލޯނަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި އޮތް 901 މިލިއަން ރުފިޔާ އޮތްކަންވެސް ފާހަގަކުރެއްވި އެވެ.

ފިރުޒުލް ވިދާޅުވީ ފެނަކަ އިން ފައިސާ ދޭންޖެހިފައި އޮތް 1،149 ކުންފުންޏެއް އެބައޮތް ކަމަށެވެ.

ފިރުޒުލް ވަނީ ފެނަކައިގައި އުފައްދާފައި ހުރި ވަޒީފާ ތަކުގެ ތަފްސީލްތައްވެސް ހާމަކޮށްފަ އެވެ. އެގޮތުން ފިރުޒުލް ވިދާޅުވީ 2018 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ވަޒީފާގައި ތިބީ 2،756 މީހުން ކަމަށެވެ. ނަމަވެސް އެ ކުންފުނީގައި މިވަގުތު 8،126 މުވައްޒަފުން ތިބި ކަމަށް ވިދާޅުވި އެވެ. އަދި ފެނަކައިގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފަހުން 747 އަށް ވުރެ ގިނަ އިތުރު މުވައްޒަފުން ފެނަކަ ވަޒީފާ އަށް ނަގާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ފެނަކައިގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް 2018 ވަނަ އަހަރު މަހަކު ހަރަދު ކުރަންޖެހެނީ 23 މިލިއަން ރުފިޔާ ކަމަށާއި ނަމަވެސް މިހާރު އެ އަދަދު އުޅެނީ މަހަކު 82 މިލިއަން ރުފިޔާގައި ކަމަށް ވިދާޅުވި އެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ މިދިޔަ އަހަރު ފެނަކަ އިން ފާސްކުރީ 1.6 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ކަމަށާއި އަދި މިއަހަރަށް އެ ކުންފުނިން ފާސްކޮށްފައިވަނީ 960 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެއް ކަމަށެވެ. ދަރަނީގެ މައްސަލަ ހައްލުކުރާނެ މާލީ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ ބަދަލުގައި ދަރަނި އަދާކުރުމަށްވެސް މަސައްކަތް ކޮށްފައިވަނީ ލޯން ނަގައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

ފެނަކަ ކޯޕަރޭޝަންގެ މާލީ ހާލަތާއި ކޮރަޕްޝަންގެ ހާލަތާ ގުޅޭ ގޮތުން އަބަދުވެސް މައްސަލަތައް ފެންމަތިވެފައި ހުންނައިރު ހިޔާނާތަށް މަގުފަހިވާ ގޮތަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ފެނަކަ އިން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.