އަޒުމަކަށް ހަދަންވީ ރާއްޖޭގެ ކަރާމަތާއި ދިވެހިންގެ މިނިވަންކަން ނަގަހައްޓައި، ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހް ފޮނުއްވި ހިތާބުގައި ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ތިބެ، ފަރުދީ މަސްލަހަތުގެ މައްޗަށް ގައުމީ މަސްލަހުތު އިސްކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ ދިވެހިން މަސައްކަތް ކުރަންވީ، ދަރިންގެ ހިތްތަކުގައި ގައުމުގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރުމަށް ފަރުދީ ގޮތުން މަސައްކަތް ކުރުމުގެ ރޫހު އަށަގެންނެވުމަށް ކަމަށެވެ. ހަމަ އެއާއެކު، ކުޑަކުދިންގެ ހިތްތަކުގައި ގައުމީ ލޯބި އާލާކޮށް ގައުމީ މަސްލަހަތު އިސްކުރުމުގެ ސިފަ އެކުދިންގެ ކިބައިގައި ހަރުލެއްވުމަކީ ނަރުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިއްމު ބޭނުން ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން، އެއް ރޫހެއްގައި އެއް ޢަޒުމެއްގައި އެއް އަމާޒަކަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ނޮވެމްބަރު ތިންވަނަ ދުވަހު ދިވެހިންނާ ކުރިމަތިވި ބިރުވެރި ހާދިސާގައި ދިވެހިންނަށް ނަސްރު ލިބުމުގެ ސިއްރަކީ ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން ކުރި މަސައްކަތާއި، ޖިހާދުގެ ސަބަބުން ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެދުވަހު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރެވުނީ ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި، މިނިވަންކަމަށްޓަކައި ގުރުބާންވުމުގެ ރޫހު ދިވެހިންގެ ކިބައިގައި ވަރުގަދަވުމުން ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސްގެ ހިތާބުގައި ވަނީ ނުރައްކާތެރި ލާއިންސާނީ އުދުވާންތަކަކާ ކުރިމަތިލާންޖެހިފައިވާ، މުސްލިމް އަހުންނާއި އުހުތުންގެ ހާލަތުވެސް ފާހަގަކުރައްވާފަ އެވެ. އެގޮތުން ފަލަސްތީނުގެ މިނިވަންކަމާއި ސިޔާދަތު ނިގުޅައިގަނެ، ޒަޔަނިސްޓުންގެ އިސްތިއުމާރީ އަޅުވެތިކަމުގައި ފަލަސްތީނުގެ ރައްޔިތުން ކަސްތޮޅު އަޅުވާފައި ތިބޭތާ 75 އަހަރު ވެގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުން މިއަދު ތަހައްމަލު ކުރަމުން އެދަނީ، މިޒަމާނުގެ އިންސާނީ ތާރީހު ނުދެކޭހާ އަނިޔާވެރި ލާއިންސާނީ އަމަލުތަކެއް ކަމުގައިވެސް ވިދާޅުވި އެވެ. ބައިނަލްއަގްވާމީ މުޖުތަމައުގެ ހުރިހާ ކަންކޮޅެއްގައި ޒަމާނީ ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ އަޑު ގުގުމަމުންދާ މި ޒަމާނުގައި، ފަލަސްތީންގެ ރައްޔިތުންނަށް ވުރެ ވަކިން ބޮޑަށް އެ ހައްޤުތަކުން މަހުރޫމް ކުރެވި ނިކަމެތި ކުރެވިފައިވާ އެހެން ބަޔަކު އަދުގެ ދުނިޔޭގައި ނެތް ކަމުގައިވެސް ރައީސް ވިދާޅުވެފައިވެ އެވެ.